ގުރައިދޫ މަރުކަޒުގެ ބެލުމުގެ ދަށުގައި ހުރި 23 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަންހެން މީހާއަކީ އުމުރުން 23 އަހަރުގެ އަންހެނެކެވެ. އަދި އޭނާ އަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވުނު އިރު ހިނގާ ބިނގާވެ އުޅެވޭ އަންހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ކަމާ ގުޅިގެން އަދި ޖެންޑާ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މަރުވި އަންހެން މީހާގެ ފޮޓޯއާއެކު މިދިޔަ އަހަރު މާޗް މަހުގެ 11 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި މަރުވި އަންހެންމީހާގެ އޭރުގެ ހާލަތު ބަޔާންކޮށްފައި ވެއެވެ. އެ ފަރާތުން ބުނެފައި ވަނީ އެ އަންހެންމީހާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އަނިޔާތަކަކާއެކު ދެފަހަރެއްގެ މަތިން ސިއްހީ ފަރުވާ ހޯދުމަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި އެ އަންހެންމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު އޭނާއަކީ އަމިއްލައަށް ހިނގާ ބިނގާވެ އުޅެވޭ މީހެއް ކަމަށާއި މިހާރު ހިނގާ ބިނގާވެ ނޫޅެވޭ ކަމަށެވެ.

މީގެ އިތުރުން އެފަރާތުން ބުނެފައި ވަނީ، އޭނާ ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އެކި ފަހަރު މަތިން ޒިޔާރަތްކުރިން ކަމަށެވެ. އަދި އޭރު އެތަނުގެ ހާލަތު ބަޔާންކުރަމުން އެފަރާތުން ބުނެފައިވަނީ އެތަނުގެ ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން އެތަނުގައި ބަލި މީހުންނަށް އަނިޔާކުރާ ކަމށްވެސް އެފަރާޓުން ބުނެއެވެ. މީގެ އިތުރުން ކޮންމެ 33 ބަލި މީޙުން ބަލަން ތިބެނީ 3 ވަރަކަށް މުވައްޒަފުން ކަމަށް އޭނާ ބުނެފައި ވެއެވެ.