އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގިނަ ތުހުމަތުތަކެއް ކުރައްވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، އެންމެނަށް ހަމަހަމަކޮށް ގާނޫނު ހިންގާ ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެންމެ އިސްކޮށް އުޅުއްވި ފަރާތަކީ އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމުގައި ވާއިރު އެ ދެބޭފުޅުންނަށް ވަނީ "ޑީލެއް" ދީ ގޭގައި ބައިތިއްބާފައި ކަމަށެވެ.

"އަދީބާއި ޒިޔަތަށް ވަނީ ޑީލެއް ދީފައި ގޭގައި ބައިންތިއްބާފަ. އަނެއްކާ ހުދު ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެއީ ތިމަންނަމެން ދޫކުރި ފަންޏެކޭ. އެހެންކަމަށްވަންޏާ އޭތި އެބަޖެހޭ ނޫންތޯ ތަހުގީގު ކުރަން."
ޑރ. މުހައްމަދު ޖަމީލު އަހުމަދު

މީގެ އިތުރުން މިދިޔަ އޭޕްރީލް މަހު ނ. ކުޑަފަރީގައި ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި ވާހަކައަކަށް ޖަމީލު ވަނީ އަލިއަޅުއްވާލައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ބަދަލު ކުރެވުނީ ފަންޏަކުން ކަމަށާއި، އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަޒީރުކަމަށް ގެންނަވައިގެން ކަމަށް އޭރު ނަޝީދު ވިދާޅުވެފައި ވެއެވެ.

މިކަމަށް ޖަމީލު ވިދާޅުވީ، އަދީބު އެފަދައިން ކަން ކުރެއްވީ ނަޝީދު ދޫކުރެއްވި ފަންޏަކުން ކަމަށް ހުދު ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށާއި، އެމްއެމްޕީއާރުސީއަކީ ކަނޑައެޅިގެން އެމްޑީޕީއާއި އެންމެންވެގެން ހިންގި ޖަރީމާއެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މީގެ އިތުރުން ޖަމީލް ވިދާޅުވީ، ފުލުސް އޮފީހަކީ މި ސަރުކާރުން ޖަހާހާ ބެރަކަށް ނަށާތަނަކަށްވެ ނިމިއްޖެ ކަމަށެވެ. އެގޮތުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައީސް ޔާމީންގެ 2 މައްސަލައެއް ބަލަން އުޅޭ ކަމަށާއި ދާދި ފަހުންވެސް ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވެސް ފުލުހަށް ހާޒިރު ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ފުލުހުންނާއި މިނިވަން މުއައްސަސާތައް، ކޯޓުތަކާއި މިތަންތަން ގާނޫނު އަސާސީގައި ވާގިތުން ނަމަ މިނިވަން ނުވެއޭ. މިނިވަންކޮށޭ އިންނަން ޖެހޭނީ. އެކަން ދިވެހިންނަށް ނަސީބުވާނީ ކޮން ދުވަހަކުންހޭ."
ޑރ. މުހައްމަދު ޖަމީލު އަހުމަދު

ގާނޫނީ މީހެއްގެ ހައިސިއްޔަތުން ޖަމީލުގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ވިދާޅުވީ، ކޮންމެ ސަރުކާރެއް އައިމައި އެ ސަރުކާރަކުން ބޭނުންކުރާ ހަތިޔާރަކަށް ފުލުހުންގެ މުއައްސަސާވެގެން ދާކަމާއި ސިޔާސީ މީހުން މިގޮތަށް ވަކި އަތަކަށް ފުލުހުންގެ މުއައްސަސާ ގެންދާތަން ފެނުނީމައި އެއިން ދެވޭ މެސެޖު ވަރަށް ގޯސް ކަމަށް ޖަމީލު ވިދާޅުވިއެވެ.

ހަމައެއާއެކު ޖަމީލު ވިދާޅުވީ، ސަމާސާ ނުކުރައްވާ، ގައުމީ ކަމެއްގެ ގޮތުގައި ގައުމީ މަސްލަހަތައްޓަކައި ކުރާކަމަކަށް މިކަން ވާން ޖެހޭ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީ މައްސަލަ މިނިވަންކޮށް ހިންގާ އެ މައްސަލައިގައި ހިމެނެންޖެހޭ ފަރާތްތައް ހިމެނިގެން ހިންގާނީ ކޮން ދުވަހަކުންތޯ ޖަމީލު އެއްސެވިއެވެ. އެގޮތުން އަދިބާއި ޒިޔަތު އަދި މަޖިލިސް މެންބަރުންގެ މައްސަލަތައް ބަލަނީ ކޮންއިރަކުންތޯވެސް އޭނާ އެއްސެވިއެވެ.

މިއަދު މެންދުރު 2 ޖަހާއިރު ރައީސް ޔަމީން ފުލުހަށް ހާޒިރު ކުރާނެކަމަށް ކަރެކްޝަންސްއިން އަންގާފައި ކަމަށް އިއްޔެ ޖަމީލް ވަނީ ވިދާޅުވެފައެވެ. އަދި 2 މައްސަލައެއް ބެލުމަށް ފުލުހަށް ޔާމީން ހާޒިރު ކުރާ ކަމަށް އޭނާ ބުނެފައިވާ އިރު އެ މައްސަލަތަކަކީ އެމްއެމްޕީއާރްސީއާ ގުޅުން ހުރި މައްސަލަތަކެއް ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 1:00 ޖެހި އިރު ކްރިމިނަލް ކޯޓުގައި އަދީބުގެ މައްޗަށް ކުރެވޭ "ހިޔާނާތްތެރިވުމުގެ ދައުވާ" ގެ ފުރަތަމަ އަޑުއެހުން ވަނީ ތާވާލްކޮށްފައެވެ. ނަމަވެސް ފަހުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.