ޝަރީއަތަށް ވަންނައިރު، ނޫސްވެރިންނަށް އަމިއްލަ ނޯޓުފޮތާއި ގަލަން ވެއްދޭ ގޮތް ހަދައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ މިއަދު ކްރިމިނަލް ކޯޓުން އާންމު ކުރި، "ޝަރީއަތުގެ މަޖިލީސް އަޑުއަހަން މީހުން ވެއްދުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގައެވެ. އެ އުސޫލުގައި ނޫސްވެރިންނަށް ލުއި ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ތައާރަފްކޮށްފައިވެއެވެ.

ޝަރީއަތް އަޑުއެހުމަށް ވަންނަ ނޫސްވެރިންނަށް ލުއި ކުރުމުގެ ގޮތުން ތައާރަފްކުރި ކަންތައްތަކުގެ ތޭގައި، ރަޖިސްޓްރީކޮށްފައިވާ ކޮންމެ ޓީވީ ސްޓޭޝަނެއް، ރޭޑިއޯ ޗެނަލެއް، އަދި ނޫސް މަޖައްލާއަކުން 3 ރިޕޯޓަރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މިގޮތުގެ މަތިން ރަޖިސްޓްރީ ކުރާ ނޫސްވެރިން ކޮންމެ ޝަރީއަތަކަށް ވަނުމަށް ވަކިން ފޯމު ފުރާކަށް ނުޖެހޭނެއެވެ.

ނޫސްވެރިއެއްގެ ގޮތުގައި ކޯޓުގައި ރަޖިސްޓްރީ ކުރުމުގެ "ނޫސް ރިޕޯޓަރު" ކާޑެއް ކޯޓުން ދޫކުރާނެއެވެ. އަދި މި ކާޑު ހޯދުމަށް ޖެހޭނީ، ނޫސްވެރިޔާ ތަމްސީލު ކުރާ ފަރާތް މެދުވެރިކޮށް "ނޫސްވެރިން ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ރަޖިސްޓްރީވާން އެދޭ ފޯމް" ގައިވާ މައުލޫމާތާއި އައިޑީކާޑު ކޮޕީއެއް އަދި ސްޓޭމްޕް ސައިޒުގެ ދެ ފޮޓޯއާއެކު ކޯޓަށް ހުށަހަޅާށެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި އުސޫލާށް އަމަލު ކުރަން ފެށުމާއެކު، ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވާ ގަޑީގެ 15 މިނިޓް ކުރިން ހާޒިރު ނުވި ނަމަވެސް، ޝަރީއަތް ފެށުމުގެ ކުރިން ހާޒިރުވެ، ނޫސް ރިޕޯޓަރުކާޑު ދެއްކުމުން ޖާގަ އޮތް މިނަވަރަކުން ވަނދެވޭނެ ކަމަށް އެ އުސޫލުގައި ވެއެވެ.

ނޫސްވެރިޔާއަށް ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ހުއްދަ އޮތް ތަކެތި:

  • ފަންސުރު
  • ކަރުދާސް
  • އާދައިގެ ގަލަމެއް
  • އާދައިގެ ފޮތެއް

ޝަރީއަތުގެ މަޖިލީސް އާދުއަހަން ވަންނަ ނޫސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ތައަރަފް ކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެކަމަށް ތައުރީފު ކޮށްފައެވެ. ޕީޖީން ކުރި ޓްވީޓެއްގައި ބުނީ، މިއީ ވަރަށް ރަނގަޅު، ވަރަށް މުހިންމު ނިންމުމެއް ކަމާށާއި، ޝަރީއަތުގެ ހާމަކަން އިތުރު ކުރުމަކީ އިތުބާރު އިތުރު ކުރަން އެޅޭ އަސާސީ ފިޔަވަޅެއް ކަމަށެވެ.

ޕީޖީން ބުނީ ކްރިމިނަލް ކޯޓުން ދެއްކި މި ނަމޫނާއާ އެއްގޮތަށް އެހެން ކޯޓުތަކުން ވެސް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ޕީޖީން މިފަދައިން ޓްވީޓް ކޮށްފައިވާއިރު، ނޫސްވެރިންނަށް އަމިއްލަ ނޯޓުފޮތް ޝަރީއަތުގެ މަޖިލީހަށް ވެއްދެން ޖެހޭނެ ކަމަށް ޕީޖީ ހުސެއިން ޝަމީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.