ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'ގެ ދަށުން ތާރީހީ ގޮތުން މުހިންމު އައްޑޫ ހުޅުމީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗް ތަރައްގީކޮށްފިއެވެ.
ކޮމިއުނިޓީ ފަންޑުން ތަރައްގީ ކުރީ، ރާފަޅާ ބީޗަށް ޒިޔާރަތް ކުރާ މީހުންނާއި މިރަށުގެ ރައްޔިތުންނަށް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ މައިޒާނެކެވެ. މި މައިޒާނުގައި ބެންޗާއި ހަޓް އަދި އުނދޯލި ހިމެނެއެވެ.
"ރާފަޅާ ބީޗް" މިހާރުވެފައި ވަނީ، އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން އެއްވެ، އިޖްތިމާއީ އެއްވުންތައް ބާއްވާ ތަނަކަށެވެ. ސިއްހީ ކަންކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް އެތަނުގައި ބާއްވަމުންދެއެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކެއުމާއި ސައިވެސް ބާއްވައެވެ.
މި ޕްރޮޖެކްޓާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، މި ޕްރޮޖެކްޓެކްގެ ދަށުން ތަރައްގީކޮށްފައި ވަނީ ތާރީހީ ގޮތުން މުހިންމު "ކޯގަންނު" ބަލަން ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލެވޭނެ ހިތްފަސޭހަ މައިޒާނެއް ކަމާށެވެ. އަދި މުޅި ޕްރޮޖެކްޓް ހިންގާފައި ވަނީ މި ރަށުގެ އަންހެނުން އިސްނެގުމާއި އަމަލީ މަސައްކަތުން ކަމަށް ސައީދު ވިދާޅުވިއެވެ.
ރާފަޅާ ބީޗް ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ފަރީދާ އިބްރާހިމް ބުނީ، ހުޅލުމީދުއަށްދާ ކޮންމެ މީހަކީ ވެސް ކޯގަންނު ސަރަހައްދަށް ޒިޔާރަތް ކުރާ މީހެއް ކަމަށެވެ. އަދި މީގެ އަހަރުތަކެއް ކުރިން އެތަން ވާ ހެދިފައި ފަޅުކޮށް އޮތް ނަމަވެސް އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ބޭނުންވި ކަމަށް ފަރީދާ ބުނެއެވެ. އޭނާ ބުނީ، އަމިއްލައަށް ފައިސާ އެއްކޮށްގެން މަސައްކަތް ކުރަން ޖެހުމުން، އެތަން ހިތްފަސޭހަ ކުރުމުގެ މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އޮތްވާ ބީއެމްއެލްގެ އެހީތެރިކަން ލިބުނު ކަމަށެވެ. މި ޕްރޮޖެކްޓަކީ އަންހެނުންގެ އިސްނެގުމެއް ކަން ފާހަގަ ކުރަމުން ފަރީދާ ބުނީ، މި ޕްރޮޖެކްޓުގެ މުޅި މަސައްކަތް ފުރިހަމަކުރީ ވެސް އަންހެންނުން ކަމަށެވެ
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ. އެގޮތުން ބީއެމްއެލުން ވަނީ މިވޭތުވެދިޔަ 2019 ވަނަ އަހަރުތެރޭ ވަނީ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް 1 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.