ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިމަހު 3 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން އިދިކޮޅުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައިފިއެވެ.

އިދިކޮޅުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ، މައިނޯރިޓީ ލީޑަރުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ.

ސަލީމް ވިދާޅުވީ، 2008 ވަނަ އަހަރު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށުމާއެކު، ރާއްޖޭގައި ޑިމޮކްރަސީ މަލްޓި ޕާޓީގެ ދިރު މިވަނީ އިންދިފައި ކަމަށާއި މަލްޓި ޕާޓީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އުންސުރަކީ، ވާދަވެރި ސިޔާސީ ޕާޓީތަކުން ސިޔާސީ ދަނޑުގައި ހަރަކާތްތެރިވުން ކަމަށެވެ. އަދި ވާދަވެރިރި ސިޔާސީ ޕާޓީތަކުން ސަރުކާރު ޒިންމާދާރު ކުރާއިރު، އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނާއި އެކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިސްކޮށް ހަރަކާތްތެރިވާން ޖެހޭ އެންމެ ނުފޫޒުގަދަ ލީޑަރު ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރަސީގެ ޅަފަތުގައި އެންމެ ފުރަތަމަ 5 އަހަރުގެ ދައުރެއް އަދާކުރެއްވި، ރައީސް ޔާމީން ވަނީ 2019 ވަނަ އަހަރު ނުހައްގުން ދެފަހަރަކަށް ޖަލަށް ލާފައި ކަމަށާއި އަދި މިހާރު ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށެވެ. އިދިކޮޅު ސިޔާސީ ލީޑަރު ޖަލަށް ލުމަކީ ޑިމޮކްރަސީގެ ހަޔާތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ، އެއީ ވާދަވެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ސަލީމް ވަނީ، ޖަލަށް ލާފައިވާ ސިޔާސީ ލީޑަރު ވަގުތުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ސަލީމް ގޮވާލައްވާފައިވާއިރު، އެމަނިކުފާނު ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް ޔާމީން 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.