މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ކެބިނެޓުން މިއަދު ފާސްކުރައްވައިފިއެވެ.

މިއެކްޝަން ޕްލޭނަށް އަމަލުކުރަން ފަށާނީ އަންނަ މާޗުމަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ އަހަރުގެ ޑެސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ޑިފެންސް މިނިސްޓްރީން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިން ކޮމިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ.

އެގޮތުން، މި އެކްޝަން ޕްލޭން ހިނގާނެ މުއްދަތުކަމަށްވާ އަންނަ މާޗްމަހުގެ 30 ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ދޭތެރޭގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ގައުމީ ފެންވަރުގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިން ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެގާނޫނަށް އިސްލާހު ގެނައުމާއި، ސްޓިއަރިން ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ގާއިމްކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް އަލުން ގާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓާ ކުރުން އިތުރުކުރުމާއި، ތަހުގީގުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ އަދަދު އިތުރުކުރުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށް، ޓްރެފިކިން އާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުމާއި، ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 30 ވަނަ ދުވަހު އ.ދ.އިން ފާހަގަކުރާ ވާލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިން ކޮމިޓީން އިސްނަގައިގެން ރާއްޖޭގައި ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.