މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލުގައި ބައްދަލުކުރައްވައިފިއެވެ.

ކަރެކްޝަނުން ބުނީ ހޯމް މިނިސްޓާގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި އެތަނުގެ އާއްމު ހާލަތު ބައްލަވާފައިވާ ކަމަށެވެ.

އަދި ޔާމީންއާ ބައްދަލުކުރައްވައި އެ މަނިކުފާނުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވި ކަމަށް ކަރެކްޝަނުން ބުނެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުދެއެއެވެ.

ރައީސް ޔާމީން ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނައެވެ. ޔާމީން ޑޮކަޓަރަށް ދެއްކުމަށް ފަހު އިއްޔެ ވަނީ މާފުއްޓަށް ގެންގޮސްފައެވެ. އަދި ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވާފައިވެސް ވެއެވެ.

ރައީސް ޔާމީނަކީ "ކާޑިއެކް އެނަލިޔާ" އަށް ބޭސްފަރުވާ ކުރަމުންދާ ބޭފުޅެއް ކަމަށާއި، މައިބަދާއިގެ މައްސަލައެއް ހުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވެފައިވާ ބޭފުޅެކެވެ. މިކަން ޔާމީނު ހާމަކުރައްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.ސިއްހީ މައްސަލަތައް ދިމާވެފައި ވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭސް ކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި ސްޓްރެސްފުލް މާހައުލުތަކާ ދުރުގައި ހުންނެވުމަށާއި އަދި ސިއްހީ އެހީތެރިކަން ލިބިވަޑައިގަންނަވާ ތަނެއްގައި ހުންނެވުމަށް ވެސް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ.