އަދާ ޖެހުނުއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ފެށުން ކަމުގައިވާ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާންގައި ތާށިވެފައިވާ އިންޑިއާގެ ރައްޔިތުންގެ ތެރެއިން އިތުރު ބަޔަކު އަނބުރާ ގައުމަށް ގެނައުމަށް އެސަރަހައްދަށް އޮޕަރޭޓްކުރަންޖެހޭ ފްލައިޓްގެ ދަތުރަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ނުދީގެން އުޅޭ މައްސަލަ ބޮޑުވެއްޖެއެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވޫހާންއިން އިންޑިއާގެ ރައްޔިތުން ބޭރު ކުރުމަށް އިތުރު ފްލައިޓެއް އެޅުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ނުދީ ލަސްކުރަމުން ދަނީ ގަސްތުގައެވެ.

ޗައިނާއަކީ އިންޑިއާގެ ސަރަހައްދީ އަދުއްވު ކަމަށްވާ ޕާކިސްތާނުގެ ގާތް އެކުވެރިއެކެވެ. މިދަނޑިވަޅުގައި ޕާކިސްތާނުން ވަނީ ވޫހާންގައި ތިބި އެގައުމުގެ ރައްޔިތުން ބޭރު ނުކުރަން ނިންމާފައެވެ. ނަމަވެސް އެއީ ޕާކިސްތާނުގެ ރައްޔިތުން އެދޭ ގޮތް ނޫންކަން، ޕާކިސްތާނުގެ މަސްރަހުން ތިލަވަމުންދާ ޚަބަރުތައް އަންގައިދެއެވެ.

2019-އެންކޯވް ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވޫހާން ސިޓީގައި އެމްބިއުލާންސްއަކުން ބަލި މީހަކު ބޭލުމަށް ސިއްހީ އޮފިޝަލުން އެހީތެރިކަން ފޯރުކޮށްދެނީ/ފޮޓޯ: އީޕީއޭ

އިންޑިއާ އަސްކަރިއްޔާގެ މަތިންދާބޯޓެއް ވޫހާންއަށް ދަތުރުކުރާނެ ކަމަށާ، އެކަމުގެ ތަފްސީލުތައް ބަޔާންކޮށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ޗައިނާގެ ހުއްދައަށް އެދި ރިޕޯޓް ހުށަހެޅީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް އިންޑިއާއިން ބުނެއެވެ. ނަމަވެސް ޗައިނާއިން އެކަމަށް އަދިވެސް އެއްވެސް ވަރެއްގެ އިޖާބައެއް ދީފައި ނުވާކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާއިން މި ދަތުރުތައް ކުރަން ރާވާފައި އޮތީ މިމަހުގެ 15 ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދުގައެވެ. ނަމަވެސް، އެކަމަށް ހުއްދަ ނުދީ އުޅެނިކޮށް މިމުއްދަތުގެ ތެރޭގައި އެހެން ގައުމުތަކުން ވަނީ ޗައިނާގައި ތިބި އެގައުމުތަކުގެ ރައްޔިތުން ބޭރު ކުރުމަށް ވައިގެ މަގުން ދަތުރުތައް ކޮށްފައެވެ.

އިންޑިއާއިން ޗައިނާއަށް ދަތުރުކުރާ އަސްކަރީ ފްލައިޓުގައި ޗައިނާއަށް މިވަގުތު ބޭނުންވެފައިވާ ސިއްހީ ބައެއް އާލާތްތަކާ، ބޭސްފަރުވާގެ ސަމާނުވެސް ގެންދަން ރާވާފައިވާ ފްލައިޓެއް ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނަކާ ހަވާލާދީ އެގައުމުގެ މީޑިއާއިން ބުނީ، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ގަސްތުގައި އެފަދަ ކަމެއް ނުކުރާނެ ކަމަށާ، ޗައިނާގައި ދިރިއުޅެމުންދާ އިންޑިއާ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމާ ސަލާމަތްތެރިކަމަށް ޗައިނާއިން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ 2 ފަހަރެއްގެ މަތިން ޗައިނާއިން މީހުން ބޭރުކޮށްފައެވެ. ނަމަވެސް އަދިވެސް 100 އެއްހާ ރައްޔިތުން ވޫހާންގައި އެބަތިބި ކަމަށް ޚަބަރު ލިބެއެވެ. އިންޑިއާ ސަރުކާރުން ބުނީ ވޫހާންގައި ތާށިވެފައި ތިބި އެގައުމުގެ ރައްޔިތުންނަށް ނަފްސާނީ ގޮތުން ނުތަނަވަސްކަމާ ބިރުވެރިކަން ކުރިމަތިވެފައިވާކަމަށެވެ.