އިންޑިއާއާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރިއަށް ގެންދަން ބޭނުން ކަމުގައި ވަނީ ނަމަ، ޓެރަރިސްޓް ގުރޫޕުތަކާ ދެކޮޅަށް ޕާކިސްތާނުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

އެމެރިކާ ސަރުކާރުން މިފަދަ ރޫހެއްގައި ވާހަކަދައްކާފައިވާ މި ދަނޑިވަޅަކީ، އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޕާކިސްތާނުގެ ޒަމާންވީ ހަތުރު ކަމަށްވާ އިންޑިއާއަށް ފުރަތަމަ ފަހަރަށް ކުރައްވާ ދަތުރުފުޅަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެކެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކާމިޔާބުކަމާއެކު ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންދަން އެދޭނަމަ، އެކަމުގެ އަސާސަކީ، ޕާކިސްތާނުގައި މޫލާފައިވާ ހައްދުފަހަނައަޅާ ދިއުމާ ޓެރަރިޒަމްއާއި ދެކޮޅަށް އެގައުމުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް އެމެރިކާއިްނ ދެކޭނީ އެ ބީދައިން ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ވ)ގެ ޝަރަފުގައި އެމެރިކާގެ ޓެކްސަސްގައި ކުރިއަށް ގެންދިޔަ

މިދަނޑިވަޅަކީ ޓެރަރިޒަމަށް ފަންޑުކުރުމާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމިއްޔާ އެފް.އޭ.ޓީ.އެފްގެ ގްރޭ-ލިސްޓުގައިވެސް ޕާކިސްތާނު ހިމަނާފައިވާ ދަނޑިވަޅެއްވެސްމެއެވެ. އެއީވެސް ޕާކިސްތާނުގެ އިހުތިސޯސް ހިނގާ ސަރަހައްދުގައި ހިންގަމުންދާ ޓެރަރިސްޓް ހަރަކާތްތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އެގައުމު ފެއިލްވަމުން ދިއުމުގެ ސަބަބުން ދީފައިވާ ރޭންކިންގްއެކެވެ.

އެ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކްޝަން ޕްލޭންއެއް އެކުލަވާލުމަށް ޕާކިސްތާނަށް ދިން ސުންގަޑި ހަމަވެފައިވާކަމަށާ، އެ ގުރޫޕުގެ ފަރާތުން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކުރިން ކަންކަން އިސްލާހު ކުރުމަށް ޕާކިސްތާނަށް ދެން ފުރުސަތު އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގެ ޕާކިސްތާނާ ވީ ފަޅީގައި ޕާކިސްތާނު އަސްކަރިއްޔާއިން ފޯރިމަރަނީ/ފޮޓޯ: އަންޖުމް ނަވީދު

2 ދުވަހުގެ މުއްދަތަށް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން އެމެރިކާގެ އޮފިޝަލު ވިދާޅުވީ، ޓްރަމްޕްގެ ވާހަކަފުޅުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރައްވާނީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ހަމަނުޖެހުންތައް ވީހާވެސް ކުޑަވެގެންދާފަދަ ގޮތަކަށް ކަމަށާ، މައްސަލަތައް ހައްލު ކުރުމަށް ދޭދޭ ގައުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ޓްރަމްޕް ހިތްވަރުދެއްވާނެ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން މިދިޔަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ޓްރަމްޕް ވަނީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހީނަރުވެފައިވާ ގުޅުންތައް ސުލްހަކުރުމުގެ މަޝްވަރާތަކުގައި އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް އިންޑިއާއިން ދަނީ މިއީ ދޭދޭ ގައުމުގެ މެދުގައި އޮތް މައްސަލައެއް ކަމަށާ، 3 ވަނަ ފަރާތުން މިކަމުގެ ތެރެއަށް ވަންނަން ނުޖެހޭ ކަމަށް ބުނެ، އިތުރު ފަރާތަކަށް މި ފުރުސަތު ދިނުމަށް އިންކާރު ކުރަމުންނެވެ. އިންޑިއާއާއިން ބުނާ ގޮތުގައި ޕާކިސްތާނާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދެވެން އޮތީ، ޕާކިސްތާނުގެ ފަސްގަނޑުގައި މޫލާ، ވަރުގަދަ ކުރަމުންދާ ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވާލެވިގެންނެވެ.