ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު 444 ރުފިޔާ ދައުލަތަށް ދެއްކުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި މައްސަލައަކީ ނަޝީދުގެ މެންބަރުކަން ގެއްލިގެންދާ ވަރުގެ ކުށެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ، މިދިޔަ އަހަރު އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށް ފަހު މާލެ އައި ދަތުރާ ގުޅިގެން އޭސީސީން ބެލި މައްސަލައަކާ ގުޅިގެންނެވެ. އެ މަހާސިންތާ ނިންމާލުމަށްފަހު މާލެ އައުމުގެ ބަދަލުގައި، އެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަމެއްގައި ބައިވެރިވެވަޑައިގަތުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ނަޝީދު ދަތުރު ކުރައްވާފައި ވެއެވެ. އަދި އެކަމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުވި ކަމަށާއި އިތުރަށް ހަރަދުވި 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް އޭސީސީން ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ހައިލަމް ވިދާޅުވީ، ރައީސް ނަޝީދަށް ފައިސާ ދެއްކެވުމަށް އޭސީސީން އެންގި އެންގުމަކީ ވަރަށް ބޮޑު އެނގުމެއް ކަމަށެވެ.

"އަޅުގަނޑު މި ދެންނެވި ފަދައިން އެ އެންގެވުމަށް ބެލުމުން އެނގެނީ، ޖިނާއަތުގެ 4 ވަނަ ދަރަަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަށް ސާބިތު ވެއްޖެކަން"
އަހުމަދު ހައިލަމް

ހައިލަމް ވިދާޅުވީ، އެއްވެސް މީހަކު ކޮރަޕްޝަންގެ ކުށެއް ކޮށްފިކަން އޭސީސީއަށް ސާބިތުވެއްޖެނަމަ އެ ކުށުގެ މަދަނީ ގެއްލުން ފޫބެއްދުމަށް އޭސީސީން ކުރަންޖެހޭ އަމުރުތައް ކުރާނެ ކަމަށެވެ. އެއާއެކު އޭސީސީން ކުރަންޖެހޭ ކަމަކީ މައްސަލައިގެ ޖިނާއީ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވުން ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އެ މައްސަލަ ނުފޮނުވައިފި ނަމަ އޭސީސީގެ މެންބަރުންނަށް އެ ކުރެވެނީ އޭސީސީ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ކަމަށް ހައިލަމް ވިދާޅުވިއެވެ.

އަދި މި މައްސަލަ ސާބިތުވެފައި ވާއިރު، އިހުމާލު ކޮށްލައިފިނަމަ ކޮންމެވެސް އެއް ދުވަހަކުން އެކަމާ ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި ކުށްވެރިވެ އަދަބު ލިބޭނެ ކަމީ މި ރާއްޖެއިން މިހާރުވެސް ފެންނަ އޮތް ހަގީގަތެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

"އެ ކޮމިޝަންގެ މެންބަރުން އެކަން ކުރައްވަނީ ކޮންގޮތަކަށް ކަމެއް ނޭނގޭ. އެނގޭ ކަމަކީ ރައީސް ނަޝީދުގެ މައްޗަށް ތަހުގީގު ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެ ކުށް ޝަރީއަތުން ސާބިތުވެއްޖެ ނަމަ 1 އަހަރު ދުވަހަށް ވުރެއް ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެއް"
އަހުމަދު ހައިލަމް

ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެގެން އުޅޭ ފަދަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެއްޖެ ނަމަ 1 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އެހެން ވެއްޖެ ނަމަ މަޖިލީޙުގެ މެންބަރުކަމުގެ ޝަރުތުވެސް ގެއްލިގެން ދިއުން ނަތީޖާއަކަށް ވެގެންދާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ. ކޮރަޕްޝަނަކީ އެންމެ ލާރިއަކުން ހިންގިއަސް ބޮޑު ކަމެއް ކަމަށާއި އެއް މިލިއަން ރުފިޔާގެ ހިޔާނާތް ވެވޭނީ 1 ރުފިޔާއަށް ހިޔާނަތްތެރިވުމަށް ފަހުގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.

އޭސީސީގެ އެންގުމަށް ތާއީދު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން އޭސީސީން ބެލުމަކީ އެ ކޮމިޝަނުން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ތެރޭގައި ހިނގާ އެހެން ކަންކަންވެސް އެ ކޮމިޝަނުން ގާތުން ބަލަމުން ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑާ ކުރެއްވި މައްސަލަ ބެލި އިރު ކްރިމިނަލް ކޯޓުގައި ފުރަތަމަ މައްސަލަ ބައްލަވަމުން ގެންދެވީ އޭރު އެ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ހައިލަމްއެވެ. ނަމަވެސް ރައީސް ޔާމީނަށް ހުކުމް އިއްވަން ގާތްވެފައި ވަނިކޮށް އޭނާ ވަނީ ޖޭއެސްސީން ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައެވެ.