އެމްޑީޕީއަށް ކައުންސިލް އިންތިހާބު ދިނުމަކީ "ސާކިއުލާރިޒަމް" ފެތުރުމަށް ދެވޭ ލައިސަންސެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ "ޑްރެކިއުލާގެ" ނުރައްކާ އެންމެ ބޮޑީ މިހާރު ކަމާއި އިންޓަނޭޝަނަލް ޓްރާންސްޕޭރެންސީ ކޮރަޕްޝަން އިންޑެކްސް ރިޕޯޓް 2019 ގައިވެސް ވަނީ ހަ ދަރަޖަ ފަހަތަށް ޖެހިފައި ކަމަށެވެ. އަދި ދިވެހިން މިހާރު ތިބީ އަންނަ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދޭން ނިންމައިގެން ކަމަށްވެސް ޝަރީފް ވިދާލުވެފައި ވެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ އަންނަ ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ވޯޓުދީ އެ ޕާޓީއާ ކައުންސިލެއް ހަވާލުކުރުމަކީ "ޑްރެކިއުލާ އަކާ ބްލަޑް ބޭންކެއް ހަވާލުކުރުމާ" އެއްވަރުގެ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެޕްމޭން އިފްތިތާހުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންގެ ކިބައިން ޕީޕީއެމް އަށް ކައުންސިލް ގޮނޑިއެއް ނުދިނުމަށާއި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބަކީ އެމްޑީޕީ ޕްރައިމަރީ ކަމަށާއި އެ އިންތިހާބު ނިމުމުން ކައުންސިލް އިންތިހާބު ހަގީގަތުގައި ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވަނީ ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ މި ފަހުން މާލެ ހަލާކުކޮށްލުމުގެ އެންމެ އިސް މޭސްތިރިއަކީ މުއިއްޒު ކަމަށާއި ކުޑަވެސް ލަދެއް ހުރިނަމަ މާލޭ ރައްޔިތުންގެ ގާތަށް ވޯޓު ހޯއްދަވަން ވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ޑރ. މުއިއްޒެވެ. އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނީ އެ ޕާޓީގެ ކުރީގެ އެސްޖީ އަނަސް އަބްދުއްސައްތާރެވެ.