ސޫރިޔާގެ ހުޅަނގު-އުތުރު ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ ކުރިމަތިލުންތައް ވަރުގަދަ ކުރަމުންދާއިރު، އެގައުމުގައި ލޭ އޮހުރުވުމެއް ހިންގަފާނެ ކަމުގެ އިންޒާރު އދއިން ދީފިއެވެ.

އދއިން މިފަދަ އިންޒާރެއް ދީފައި ވަނީ، ސޫރިޔާގެ މަސްރަހު ގޯހުން ގޯހަށް ދާ މި ދަނޑިވަޅުގައި، އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން، ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް ފޯނުން ގުޅުއްވާ، މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާއާއި ތުރުކީވިލާތުގެ ބަސް

ރަޝިޔާ ސަރުކާރުން ބުނީ، ސޫރިޔާގެ އިދްލީބު ޕްރޮވިންސް ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ބެހޭ އެއްބަސްވުމެއް ތަންފީޒުކުރުމާ ބެހޭ މަޝްވަރާތައް އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ޕޫޓިންއާއި އުރުދުޣާން މަޝްވަރާ ކުރައްވާފައި ވާ ކަމަށެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން/ފޮޓޯ: ލާޒްލޯ ބަލޯޣް

އިދްލޫބުގައި ހަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިންގެ އަމަލުތައް ހުރި ގޮތުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޕޫޓިން، އުރުދުޣާންއަށް ދަންނަވާފައިވާ ކަމަށްވެސް ރަޝިޔާއިން ވަނީ ހާމަކޮށްފައެވެ. ދެގައުމުގެ ލީޑަރުންގެ މެދުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި، ސޫރިޔާއަށް ލިބިފައިވާ މިނިވަންކަމާ އިސްތިގުލާލުގެ އިތުރުން ސަރަހައްދީ ނާޒާހާތްތެރިކަމަށް އިހުތިރާމު ކުރުން ހިމެނޭ ކަމަށްވެސް، މި ފޯނު ކޯލާ ގުޅިގެން ރަޝިޔާއިން އާންމު ކުރި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު، އިދްލީބުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް މަޑުޖައްސާލާ، އެ ސަރަހައްދުގައި އުފެދެމުންދާ އިންސާނީ ކާރިސާ ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށް އުރުދުޣާން ވިދާޅުވިކަމަށް، ތުރުކީވިލާތުގެ ރައީސް އޮފީހުން އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމާ ބެހޭ ގޮތުން ޖަރުމަނުވިލާތާ ފަރަންސޭސިވިލާތުގެ އެންމެ އިސްވެރިންނާއެކުގައިވެސް އުރުދުޣާން މަޝްވަރާ ކުރައްވާފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން/ފޮޓޯ: ރޮއިޓާޒް

އިދްލީބުގައި ހަނގުރާމަ ގަދަވީ ކީއްވެ؟

2011 ވަނަ އަހަރު ސޫރިޔާގައި ސުލްހަވެރިކަމާއެކު ފެށި މުޒާހަރާތައް ހޫނުވެ، ދާހިލީ ހަނގުރާމައަކަށް ބަދަލުވިއެވެ. އިސާހިތަކު އެކި ހިސާބުތަކުން، އެކި ނަންނަމުގައި އެ ހަނގުރާމައިގެ ތެރެއަށް ވަދެ، ދާހިލީ ހަނގުރާމައަކުން، ވަރުގަދަ "ސޫރިޔާގެ ހަނގުރާމަ"އަށް މަސްރަހު ބަދަލުކޮށްލިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދާ ދެކޮޅަށް ނިކުތް ބާރުތަކުން ސޫރިޔާގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނެގި ކަމުގައި ވީ ނަމަވެސް، އަދިވެސް ސޫރިޔާގެ ވެރިކަމުގައި ހުންނެވީ އަސަދެވެ. ސޫރިޔާގެ ހަނގުރާމައިގެ ތެރެއިން ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް އުފެދިގެން ދިޔަ ނަމަވެސް، މިއަދު އެ ޖަމާއަތްތަކުގެ ބާރު ވަނީ ސޫރިޔާއިން ކަނޑުވާލާފައެވެ. ނަމަވެސް އަސަދުގެ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުންދިޔަ އެގައުމުގެ ހުޅަނގު-އުތުރުގެ ސަރަހައްދުގެ ކޮންޓްރޯލް އަސަދުގެ ސަރުކާރަށް ފުރިހަމައަށް ލިބޭ ގޮތް އަދިވެސް ވަނީ ނުވެފައެވެ.

ސޫރިޔާގެ އިދްލީބުގައި ސުންނާފަތިކޮށްލާފައި އިމާރާތްތަކެއްގެ ކައިރިން މީހަކު ސައިކަލުގައި ދަތުރުކުރަނީ/ފޮޓޯ: އޭއެފްޕީ

ސޫރިޔާގެ ހަނގުރާމަ މަޑުޖެހިފައިވާކަމަށް ދުނިޔެއަށް ސިފަވިކަމުގައި ވީ ނަމަވެސް ހަގީގީ މަސްރަހު އޮތީ އެއާ ހިލާފަށެވެ. ހުޅަނގު-އުތުރު އިދްލީބު ޕްރޮވިންސްގައި ހަމަލާ ބަދަލުކުރުންތައް މަޑުޖެހޭ ވަގުތެއް ނާދެއެވެ. ސޫރިޔާގެ ސަރުކާރަށް ކޮންޓްރޯލް ހޯދާދިނުމަށް އެއްބާރުލުން ދެމުންދަނީ ރަޝިޔާއިން ކަމަށްވާއިރު، އޭގެ އަނެއްކޮޅުގައި ތިބި ފަރާތްތަކަށް އެއްބާރުލުން ދެމުންދަނީ ތުރުކީވިލާތުންނެވެ.

ކަންމިހެން އޮތްއިރު، އިދްލީބުގައި އުފެދެމުންދަނީ ފަހުގެ ތާރީހުގައި ދުނިޔެ ދެކޭނެ އެންމެ ހިތްދަތި އިންސާނީ ކާރިސާ ކަމުގެ އިންޒާރު، ކަމާބެހޭ ފަރާތްތަކުން ދަނީ ދެމުންނެވެ.

ސޫރިޔާގައި ތުރުކީވިލާތުގެ އަސްކަރީ އުޅަނދެއް އިދްލީބުން ޙަލަބަށް ދަތުރުކުރަނީ/ފޮޓޯ: އޭއެފްޕީ

އިދްލީބުގެ 'އިންސާނީ ކާރިސާ' ލޭއޮހުރުވުމަކަށް

އިދްލީބު ޕްރޮވިންސް ހިމެނޭ ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް ސޫރިޔާގެ ސަރުކާރުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. ޑިސެމްބަރު މަހު މި އޮޕަރޭޝަންތައް ވަރުގަދަ ކުރި ފަހުން 900000 އެއްހާ މީހުންވަނީ އިދްލީބު ދޫކޮށް ރެފިއުޖީންނަށް ވެފައެވެ. މީގެ 60 ޕަސެންޓްއަކީ ކުޑަކުދިންނެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިންސާނީ އެހީއާއި ބެހޭ އދގެ އިދާރާގެ ތަރުޖަމާނު ޖެންސް ލާއެކޭ ވިދާޅުވީ، އާންމު ރައްޔިތުންގެ ލޭއޮހުރުވުމަކާ ދިމާލަށް މިސްރާބުޖަހާފައިވާ ރަހުމެއް ނެތް ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް އަންނަންޖެހޭ ކަމަށެވެ.

އަސްކަރީ ހަމަލާތަކުން ފުރާނަ ސަލާމަތްކުރުމަށްޓަކައިއ އެތައް ސަތޭކަ ހާސް ބަޔަކު އަމިއްލަ ގެދޮރު ދޫކޮށްލީ ވަންނާނެ އިތުރު ހިޔާވައްސެއް ނެތް ހާލުގައެވެ. ގަދަފިނީގައި ދުވަސްތައް ހޭދަކުރަންޖެހިފައިވާއިރު، މޫސުމީ ގަދަ ފިނިން ހަށިގަނޑު ސަލާމަތް ކުރުމަށްޓަކައި ކުޑަނަމަވެސް ހޫޏުކަމެއް ހޯދުމަށް ސޫރިޔާގެ ރެފިއުޖީން އަނދަމުންދަނީ އެމީހުން ލާންގެންގުޅޭ އަންނައުނާ، ފަރުނީޗަރާ އެނޫންވެސް އެފަދަ ތަކެއްޗެވެ.

ސޫރިޔާގައި ހާލުގައިޖެހިފައިވާ ކުޑަކުދިންތަކެއް އަލިފާންގަނޑެއް ޖަހައިގެން ފިނިން ފިނިން ރައްކާތެރިވާން މަސައްކަތްކުރަނީ/ފޮޓޯ: އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، ސޫރިޔާގައި އުފެދިފައިވާ އިންސާނީ ކާރިސާއަކީ އިންސާނުން އަމިއްލަ އަތުން އުފެއްދި ކާރިސާއެއް ކަމަށެވެ. ނަމަވެސް މިވަގުތަކީ އެކާރިސާ ނިމުކަކަށް ގެންނަންވީ ވަގުތު ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު، ސޫރިޔާގެ އަސްކަރިއްޔާގެ އިތުރުން ރަޝިޔާއާއި ތުރުކީވިލާތުގެ އަސްކަރިއްޔާ އަދި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ތިބީ އެއްވެސް ބަޔަކަށް ދޫދޭ ގޮތަކަށް ނޫނެވެ.