ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ބާއްވާ ޖަލްސާއަށް ދާން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

ފެނަކައިން ބުނީ ދައުރުވަމުން އަންނަ ލިޔުމަކީ އެއްވެސް އަސްލެއް ނެތް ލިޔުމެއް ކަމަށެވެ. އެފަދަ އެއްވެސް އެންގުމެއް މުވައްޒަފުންނަށް އަންގާފައި ނުވާނެ ކަމަށްވެސް ފެނަކައިން ބުނެއެވެ. އަދި ޗެނަލް 13އިން އެކަމާއި ގުޅިގެން ދޮގު ހަބަރުތަކެއް ފަތުރަމުން އަންނަ ކަމަށާއި އެކަމަށް ސަމާލުކަން ދިނުމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. އަދި ބުނީ ދޮގު ހަބަރު ފަތުރާ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށެވެ.

ދައުރުވަމުން އަންނަ ލިޔުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް މިރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. އަދި އެ ޖަލްސާއަށް އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވުމަށެވެ. އަދި ޖަލްސާ ފެށުމުގެ 15 މިނެޓު ކުރިން އެ ސަރަހައްދަށް ދިއުމަށްވެސް ދައުރުވަމުން އަންނަ ލިޔުމުގައި ބުނެފައިވެއެވެ. އެ ލިޔުމުގައި އިތުރަށް ބުނެފައިވަނީ އެއްވަސް މަގުބޫލު އުޒުރެއް އޮވެގެން ޖަލްސާއަށް ހާޒިރު ނުވެވޭ މުވައްޒަފުން ޑިޕާޓުމަންޓެއްގެ ވެރިއަކަށް ދުރާލާ އެންގުމަށް އެދޭ ކަމަށެވެ.

އެ ލިޔުން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރާއި ދެކޮޅު ބައެއް އެހެން ފަރާތްތަކުން އަންނަނީ އެކަމުގައި ސަރުކާރަށް ވަަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.