މިމަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ހިންގުމުގެ ހަރަދު 1،645.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ހިންގުމުގެ ހަރަދުގެ ގޮތުގައި އެންމެ ބޮޑު ބައެއް ހަރަދުކޮށްފައިވަނީ މުސާރަ އާއި ޕެންޝަންގެ ފައިސާ އަށެވެ.

އެގޮތުން ހަމައެކަނި މުސާރާއާއި ޕެންޝަންގެ ފައިސާއަށް ދައުލަތުންވަނީ 831.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 39.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީގެ އިތުރުން ދައުލަތުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި ދެން އެންމެ ގިނައިން ހަރަދުކޮށްފައިވަނީ، އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދަށެވެ. އެއީ ޖުމްލަ 814 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދައުލަތުގެ ކެޕިޓަލް ހަރަދުތަކަށް ޖުމްލަ 903 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 381.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 2،657.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެތެރެއިން ހަރަދުކޮށްފައިވަނީ ޖުމްލަ 2،548.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އާމްދަނީގެ ތެރެއިން ހަރަދަށް ކަނޑާފައި ބާކީވެފައިވަނީ 33.6 މިލިއަން ރުފިޔާއެވެ.