ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ނުރައްކާ އަދިވެސް ބޮޑުވެފައިވާ ޗައިނާއިން ނެރެގެން ޔޫކްރޭންއަށް ގެންދިޔަ މީހުން ދަތުރުކުރަމުންދިޔަ ބަސްތަކަށް އަމާޒުކޮށް، ޔޫކްރޭން މުޒާހަރާގެ ބައިވެރިންތަކެއް ހަމަލާދީފިއެވެ.

ޗައިނާއިން އިވެކުއޭޓްކޮށްގެން ޔޫކްރޭންއަށް ގެނައި މީހުން ބޭތިއްބުމަށް ހަމަޖެހިފައިވަނީ ނޯވީ ސަންޝާރީ ހޮސްޕިޓަލުގައެވެ. މިތަނުގައި އެމީހުން 14 ދުވަސް ވަންދެން ކަރަންޓީނު ކުރެވޭނެއެވެ.

މިދަނޑިވަޅުގައި ޔޫކްރޭންގެ ރައީސް ވްލޮޑޮމިއާ ޒެލެންސްކީ ވަނީ، ހަމްދަރުދީ އިސްކުރުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވާލައްވާފައެވެ.

ޔޫކްރޭންގެ ސަލާމަތީ ބާރު (އެސްބީޔޫ)އިން ބުނީ އާންމުންގެ ބަޔަކު މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް، ޗައިނާއިން ގެނައި މީހުން ދަތުރުކުރަމުންދިޔަ ބަސްތަކަށް ހަމަލާ ދީފައިވަނީ، އެ ބަސްތަކުގައި ތިބި ބައެއް މީހުންނަށް ކޮވިޑް-19ގެ އަސަރުކޮށްފައިވާކަމަށް ބުނެ، ދައުރުވި އަސްލެއް އެކުލެވިގެން ނުވާ ދޮގު ޚަބަރު ފެތުރި އީ-މެއިލްއެއްގެ ސަބަބުންނެވެ.

އެސްބީޔޫއިންވަނީ މިކަން އިތުރަށް ތަހުގީގު ކުރަމުން އަންނަކަން ހާމަކޮށްފައެވެ.

ކޮވިޑް-19ޖެހިގެން ޔޫކްރައިންއިން އަދި މިހާތަނަށް އެއްވެސް މީހަކު ރިޕޯޓްކޮށްފައެއް ނުވެއެވެ.