އިނގިރޭސިވިލާތުގެ ލަންޑަންގެ މިސްކިތެއްގެ ތެރޭގައި ވަޅިޖެހުމުގެ ޖަރީމާ ހިންގި މީހާ، ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ލަންޑަން ސެންޓްރަލް މޮސްކުގައި ރޭ ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 70ގެ އަހަރުތައް ގުނަމުންދާ މީހަކަށެވެ. ހޮސްޕިޓަލަށް ގެންގޮސް އެމީހާއަށް ފަރުވާ ދޭން ފަށާފައިވާއިރު، އެމީހާގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިފައި ނުވާކަމަށް ޑޮކްޓަރުންވަނީ ނިންމާފައެވެ.

ލަންޑަންގެ މިސްކިތެއްގެ މުއައްޒިންއަށް ވަޅިން ހަމަލާދިން މީހާ (ރަތްކުލައިގެ ހުޑީއެއްގައި) ހައްޔަރުކުރަނީ/ފޮޓޯ: ސްކައިނިއުސް

ކަންމިހެން އޮތްއިރު، އިނގިރޭސިވިލާތުގެ ފުލުހުން މިމައްސަލަ ބަލަމުންދަނީ ޓެރަރިޒަމްއާއި ގުޅުންހުރި ކަމެއްގެ ގޮތުގައި ނޫންކަމަށް މައުލޫމާތު ލިބެއެވެ.

ވަޅިޖެހުމުގެ އަމަލު ހިންގި އުމުރުން 29 އަހަރުގެ ފިރިހެން މީހާއަށް ހުރަސް އަޅާ، ފުލުހުންނަށް އާދެވެންދެން އޭނާ ހިފަހައްޓާފައިވަނީ އެވަގުތު މިސްކިތުގައި ކުރަމުންދިޔަ ނަމާދުގެ ޖަމާއަތުގައި ތިބި މީހުން ކަމަށް އިނގިރޭސި މީޑިއާއިން ރިޕޯޓްކުރެއެވެ.

މިސްކިތުން އާންމުކުރި ބަޔާން ބުނާ ގޮތުގައި މި ހަމަލާ އަމާޒުވި ދޮށީ އުމުރުގެ މީހަކީ އެ މިސްކިތުގެ މުއައްޒިން ނުވަތަ ބަންގި ގޮވާ މީހާއެވެ. މިސްކިތުގެ ޑައިރެކްޓާ ޖެނެރަލް އަހުމަދު އަލް ދުބާޔާން ވަނީ، މުއައްޒިންއާއި ފޯނުން ގުޅާ ވާހަކަދެއްކިފައިވާކަމަށާ، އޭނާގެ ހާލު ރަނގަޅު ކަމަށް މިސްކިތުގެ މުއައްޒިން ބުނިކަން ހާމަކުރައްވާފައެވެ.

މިސްކިތުގެ މުޝީރެއްގެ ގޮތުގައި މަސައްކަތްކުރައްވާ އަޔާޒް އަހުމަދު ވިދާޅުވީ، ޖަމާއަތުގައި ތިބި އަޚުން އެކަން ނުހުއްޓުވިނަމަ މުއައްޒިންގެ ފުރާނައަށް ނުރައްކާ ވަރުގެ ހަމަލާތަކެއް އަމާޒުވީސް ކަމަށެވެ.

ލަންޑަންގެ މިސްކިތެއްގެ މުއައްޒިންއަށް ވަޅިން ހަމަލާދިން ސަރަހައްދުގައި ކަމާ ބެހޭ އެކި ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ލަންޑަން ފަތިސް ފޯރަމްގެ ޑައިރެކްޓަރެއް ކަމަށްވާ މުސްތޮފާ ފީލްޑް ވިދާޅުވީ، މި ހަމަލާއަކީ އެއްފަހަރުން ހަމަލާ ދީ މަރާލުމަށް ދިން ހަމަލާއެއް ކަމަށާ، އެގޮތުން ހަމަލާ ދީފައިވަނީ ކަރުގެ ސަރަހައްދަށް ކަމަށެވެ. މުއައްޒިންއަށް ދިން ހަމަލާ ހުއްޓުވާފައިވަނީ ނަމާދަށް ތިބި ބަޔަކު ނަމާދު ދޫކޮށްލުމަށްފަހުގައެވެ. މުއައްޒިންއަށް ހަމަލާދިން މީހާ ޖަމާއަތުގެ ތެރޭގައި ހުރީ ސީދާ މުއައްޒިންއާއި ދިމާ ފަހަތުގައެވެ. އަދި ހަމަލާ ނުދީ މަޑުކޮށްގެން ހުރީ ނަމާދަށް ފަށަން ދެކަށް ކަމަށް ބެލެވޭ ކަމަށްވެސް މުސްތޮފާ ފީލްޑް ވަނީ ވިދާޅުވެފައެވެ.

ލަންޑަންގެ މޭޔަރު ސޯދިގު ހާން ވިދާޅުވީ، ފުލުހުންގެ ފަރާތުން މި ސަރަހައްދަށް އިތުރު ވަސީލަތްތަކެއް ފޯރުކޮށްދޭނެ ކަމަށާ، އެމީހަކު އަޅުކަން ކުރަން ބޭނުން ތަނެއްގައި ރައްކާތެރި ކަމާއެކު ނަމާދު ކުރުމުގެ ހައްގު، ލަންޑަންގެ ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ މިހާދިސާއާއި ގުޅިގެން ޓްވީޓްކުރައްވާފައެވެ. އެގޮތުން، ލަންޑަންގައި ހިނގާދިޔަ ހަދިސާއާއި ގުޅިގެން އިންތިހާއަށް ހިތާމަކުރައްވާކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.