މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޑޮކްޓަރަށް ދެއްކުމަށް އިއްޔެ މާލެ ގެނައި ގޮތަށް އަދިވެސް ހުންނެވީ އައިޖީއެމްއެޗުގައިކަން އެނގިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކަރެކްޝަނުން ބުނީ މިހާރު ވެސް ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި އެމަޖެންސީ ހާލަތުގައި ފަރުވާދޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އިއްޔެއިން ފެށިގެން ބަހައްޓާފައި ވަނީ އައިޖީއެމްއެޗުގައި ކަމަށް ބުނި ނަމަވެސް ބަހައްޓާފައި ވަނީ އައިޖީއެމްއެޗުގެ ކޮންތާކު ކަމެއް ނުބުނެއެވެ.

ރައީސް ޔާމީން މާލެ ގެނައީ ހިތުގެ ޑޮކްޓަރަކަށް ދައްކަން ކަން ވަނީ އެނގިފައެވެ. އިއްޔެ ޑޮކަޓަރަށް ދެއްކުމަށް ފަހު މާފުއްޓަށް ގެންދަން އޮތް ނަމަވެސް ނުގެންގޮސް ހުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.

ރައީސް ޔާމީންގެ ހާލު ސީރިއަސް ވެގެން މިއަދު މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން ދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ދައްކަމުންނެވެ.

ރައީސް ޔާމީނަކީ "ކާޑިއެކް އެނަލިޔާ" އަށް ބޭސްފަރުވާ ކުރަމުންދާ ބޭފުޅެއް ކަމަށާއި، މައިބަދާއިގެ މައްސަލައެއް ހުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވެފައިވާ ބޭފުޅެކެވެ. މިކަން ޔާމީނު ހާމަކުރައްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.ސިއްހީ މައްސަލަތައް ދިމާވެފައި ވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭސް ކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި ސްޓްރެސްފުލް މާހައުލުތަކާ ދުރުގައި ހުންނެވުމަށާއި އަދި ސިއްހީ އެހީތެރިކަން ލިބިވަޑައިގަންނަވާ ތަނެއްގައި ހުންނެވުމަށް ވެސް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ.ރައީސް ޔާމީނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ، ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށާއި އެމަނިކުފާނު ގެކޮޅުގައި ބަހައްޓައިގެން ޝަރީއަތުގެ އިސްތިއުނާފުގެ މަރުހަލާ ނިމޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަަމައެއާއެކު ސިޔާސީ ބައެއް ބޭފުޅުން ގޭގައި ބައިތިއްބާފައި އެބަ ހުރި ކަމަށް ޖަމީލު ފާހަގަ ކުރެއްވިއެވެ.ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރެވެން ނެތް ކަމަށާއި، އަދި ބެއިލް ދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފައި ވަނީ މިމަހު ހަ ވަނަ ދުވަހެވެ.ރައީސް ޔާމީނަށް މަނީ ލޯންޑާކުރި ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން 5 ފަނޑިޔާރުންގެ ބެންޗަކުން 5 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެފައިސާ ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ވަނީ ޝެޑިއުލް ކޮށްފައެވެ.