މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލްއެލް)ގެ ޖެނެރަލް މެނޭޖަ ކޮމާޝަލް ހުސައިން ފަޒީލް ޒިންމާ އިން ވަކިކޮށް މެމޯއެއް ފޮނުވިތާ ދެ ގަޑިއިރު ފަހުން އެނިންމުން ބަދަލުކޮށް މަގާމު އޭނާއަށް ދީފިއެވެ.

ފަޒީލް ޒިންމާއިން ވަކިކޮށްފައި ވަނީ އޭނާ އިއްޔެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ކަން ހިނގި ގޮތް ކިޔައިދެއްވުމުގެ ކުރިން، އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރައްވާ ނެރުނު އިންޓާނަލް މެމޯއަކުންނެވެ. އެ މެމޯގަިއ ބުނެގައި ވަނީ އިއްޔެއިން ފެށިގެން ނޮން-އެއިރޯ ކޮމާޝަލް ސެކްޝަން ހިންގަވާނީ މެނޭޖަ، މުހައްމަދު ހިޝާމް ކަމުގައެވެ.

އެ މެމޯ ނެރުމުގެ ކުރިން ކޮމާޝަލް ސެކްޝަންގެ ނޮން-އެއިރޯ ބައި ހިންގަވަމުން ގެންދެވީ، އެމްއޭސީއެލްގައި މަސައްކަތްކުރައްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަޒީލެވެ. ފަޒީލް ޒިންމާއިން ވަކިކޮށްފައިވާ ކަމަށް ބުނެ މެމޯ ނެރުނުތާ މާ ގިނަ އިރެއްނުވެ، މޫސާ ސޯލިހު ދެ ވަނަ މެމޯއެއް ނެރުއްވާ، ކުރިން ނެރުނު މެމޯ ބާތިލް ކޮށްފައެވެ.

މާލިއްޔަތު ކޮމިޓީއަށް ފަޒީލް ހާޒިރުކުރީ މީގެ ކުރިން މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ދެ މެންބަރެއް ވިދާޅުވެފައިވާ ނުކުތާތަކާ ގުޅިގެން ފަޒީލާ ސުވާލުކުރުމަށެވެ. އެއީ އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވާފައިވާ ސިޓީތަކުގައި، އެމްއޭސީއެލްގެ ބޯޑުން ނުނިންމާ އަދި މަޝްވަރާވެސް ކޮށްފައި ނުވާ ވާހަކަތަކެއް ހުރުމުން ކަމަށް ބުނާތީއެވެ. ބޯޑު މެންބަރުން އެ ބުނާ ސިޓީތަކުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރައްވާފައި އޮތީ ފަޒީލެވެ.

މި ބައްދަލުވުމުގައި ފަޒީލް ދެއްކެވި ވާހަކަތަކުގައި އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ޓާމިނަލް، ކުއްޔަށް ދޭނެ ގޮތުގެ ޕްރެޒެންޓޭޝަނެއް އޯގަސްޓް 2017 ގައި ބޯޑަށް އޭނާ ހުށަހެޅުއްވި ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ ޕްރެޒެންޓޭޝަންގައި ކުއްޔަށް ދޫކުރެވިދާނެ ފަސް ގޮތެއްގެ ހިމަނާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ބޮޑު އަގަކަށް 39 ޑޮލަރު ދޭ ގޮތަށް ހިމަނާފައި ވާނެ ކަމަށާއި އަދި އެންމެ ކުޑައަގެއްގެ ގޮތުގައި 11 ޑޮލަރު ދިނުމަށް އެ ޕްރެޒެންޓޭޝަންގައި ހިމަނާފައި ވާނެ ކަމަށް ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވި ގޮތުގައި ޓީއެމްއޭއާ އެކު ކުރަމުން ދިޔަ މުއާމަލާތްތަކާ ބެހޭ މައުލޫމާތެއް ވިއްޔާ އޭނާ ގެންދެވީ ބޯޑާ ހިއްސާ ކުރައްވަމުންނެވެ. އެގޮތުން ޓީއެމްއޭއަށް ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ މަޝްވަރާ ކުރައްވައި އާދިލްގެ އިރުޝާދާ އެއްގޮތަށް ކަމަށާއި، ޓީއެމްއޭއަށް ފޮނުވި ސިޓީތަކާ ބެހޭ ގޮތުން މެނޭޖްމެންޓާ މަޝްވަރާކޮށް، ހުއްދަ ވެސް ހޯއްދަވާފައި ވާނެ ކަމަށް ފަޒީލް ވިދާޅުވިއެވެ. އެގޮތުން އޭނާ ކުރައްވާފައިވާ މުއާމަލާތްތަކާ ގުޅޭ ލިއެކިއުންތައް ވަނީ ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރޭޓްތަކާ އެކު ޓީއެމްއޭއަށް ދޫކުރަން ހުށަހެޅީ ޖުމްލަ 31،000 އަކަމީޓަރުގެ ޖާގައެއް ކަމަށާއި އޭގެ ތެރޭގައި އެމްއާރުއޯ ބިލްޑިންގާއި އެމްއާރުއޯ ޑޮކްސް ވެސް ހިމެނޭ ކަމަށެވެ. އެ ސިނާރިއޯގައި އަހަރަކު 17 މިލިއަން ޑޮލަރު ކުއްޔަށް ލިބޭނެ ކަމަށް ފަޒީލް ވިދާޅުވިއެވެ. ނަމަވެސް އެމްއޭސީއެލުން ހުށައެޅީ 19،000 އަކަމީޓަރު، އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭއަށް ކުއްޔަށް ދޭން ކަމަށާއި އެގޮތަށް ދީފި ނަމަ އެމްއޭސީއެލަށް އަހަރަކަށް ލިބޭނީ 5.6 މިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.