އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދެވިދާނެ 5 ސިނާރިއޯއެއް އެމްއޭސީއެލްގެ ބޯޑަށް ހުށަހެޅުއްވި ކަމަށާއި އެންމެ ކުޑަ އަގަަކަށް ހުށަހެޅުއްވީ އަގަކީ 11 ޑޮލަރު ކަމަށް އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަ ކޮމާޝަލް ހުސައިން ފަޒީލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލއެލް) އިން ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޮމާޝަލް ހުސެން ފަޒީލާ ވަނީ ބައްދަލުކޮށްފައެވެ.

މާލިއްޔަތު ކޮމިޓީއަށް ފަޒީލް ހާޒިރުކުރީ މީގެ ކުރިން މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ދެ މެންބަރެއް ވިދާޅުވެފައިވާ ނުކުތާތަކާ ގުޅިގެން ފަޒީލާ ސުވާލުކުރުމަށެވެ. އެއީ އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވާފައިވާ ސިޓީތަކުގައި، އެމްއޭސީއެލްގެ ބޯޑުން ނުނިންމާ އަދި މަޝްވަރާވެސް ކޮށްފައި ނުވާ ވާހަކަތަކެއް ހުރުމުން ކަމަށް ބުނާތީއެވެ. ބޯޑު މެންބަރުން އެ ބުނާ ސިޓީތަކުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރައްވާފައި އޮތީ ފަޒީލެވެ.

މި ބައްދަލުވުމުގައި ފަޒީލް ދެއްކެވި ވާހަކަތަކުގައި އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ޓާމިނަލް، ކުއްޔަށް ދޭނެ ގޮތުގެ ޕްރެޒެންޓޭޝަނެއް އޯގަސްޓް 2017 ގައި ބޯޑަށް އޭނާ ހުށަހެޅުއްވި ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ ޕްރެޒެންޓޭޝަންގައި ކުއްޔަށް ދޫކުރެވިދާނެ ފަސް ގޮތެއްގެ ހިމަނާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ބޮޑު އަގަކަށް 39 ޑޮލަރު ދޭ ގޮތަށް ހިމަނާފައި ވާނެ ކަމަށާއި އަދި އެންމެ ކުޑައަގެއްގެ ގޮތުގައި 11 ޑޮލަރު ދިނުމަށް އެ ޕްރެޒެންޓޭޝަންގައި ހިމަނާފައި ވާނެ ކަމަށް ފަޒީލް ވިދާޅުވިއެވެ.

"ފުރަތަމަ ސިނާރިއޯގައި ވާނީ ވަރަށް ބޮޑެތި ރޭޓްތަކެއް. އޭގެ ތެރޭގައި ލައުންޖަށް ޗާޖްކުރާނެ ކަމަށް 39 ޑޮލަރު އަކަ މީޓަރަކަށް. ފަސް ވަނަ ސިނާރިއޯއަކަށް އޮންނާނީ ވަރަށް ދަށްކޮށް، އެއީ [އަކަމީޓާރެއް] 11 ޑޮލަރާ ހަމައަށް،"
ހުސައިން ފަޒީލް

ފަޒީލް ވިދާޅުވި ގޮތުގައި ޓީއެމްއޭއާ އެކު ކުރަމުން ދިޔަ މުއާމަލާތްތަކާ ބެހޭ މައުލޫމާތެއް ވިއްޔާ އޭނާ ގެންދެވީ ބޯޑާ ހިއްސާ ކުރައްވަމުންނެވެ. އެގޮތުން ޓީއެމްއޭއަށް ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ މަޝްވަރާ ކުރައްވައި އާދިލްގެ އިރުޝާދާ އެއްގޮތަށް ކަމަށާއި، ޓީއެމްއޭއަށް ފޮނުވި ސިޓީތަކާ ބެހޭ ގޮތުން މެނޭޖްމެންޓާ މަޝްވަރާކޮށް، ހުއްދަ ވެސް ހޯއްދަވާފައި ވާނެ ކަމަށް ފަޒީލް ވިދާޅުވިއެވެ. އެގޮތުން އޭނާ ކުރައްވާފައިވާ މުއާމަލާތްތަކާ ގުޅޭ ލިއެކިއުންތައް ވަނީ ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރޭޓްތަކާ އެކު ޓީއެމްއޭއަށް ދޫކުރަން ހުށަހެޅީ ޖުމްލަ 31،000 އަކަމީޓަރުގެ ޖާގައެއް ކަމަށާއި އޭގެ ތެރޭގައި އެމްއާރުއޯ ބިލްޑިންގާއި އެމްއާރުއޯ ޑޮކްސް ވެސް ހިމެނޭ ކަމަށެވެ. އެ ސިނާރިއޯގައި އަހަރަކު 17 މިލިއަން ޑޮލަރު ކުއްޔަށް ލިބޭނެ ކަމަށް ފަޒީލް ވިދާޅުވިއެވެ. ނަމަވެސް އެމްއޭސީއެލުން ހުށައެޅީ 19،000 އަކަމީޓަރު، އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭއަށް ކުއްޔަށް ދޭން ކަމަށާއި އެގޮތަށް ދީފި ނަމަ އެމްއޭސީއެލަށް އަހަރަކަށް ލިބޭނީ 5.6 މިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މަޖިލިސް

ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވީ ބޯޑަށް ހުށައެޅި އަގުތަކާ ބެހޭ ޕްރެޒެންޓޭޝަނުގައި ހިމެނޭ އެންމެ ދަށް އަގަށް ވުރެ ވެސް ޓީއެމްއޭއަށް ކުއްޔަށް ދޭން ބޭނުންވި އަގު ކުޑަވުމަކީ އޭގެ ސަބަބުން 11 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުން ކަމަށެވެ. އެހެންކަމުން ވަކި ފަރާތަކަށް މަންފާއެއް ލިބުމުގެ ފުރުސަތު އޮވެދާނެކަމަށް ގަބޫލު ކުރެއްވޭތޯ މުގައްރިރު ސުވާލު ކުރެއްވިއެވެ.

ފަޒީލް ވިދާޅުވީ އެ ނިންމުމުގެ ތެރެއަށް ނުފޫޒެއް ވަދެފައި އޮވެދާނެކަން ނުވަތަ ނޫންކަމާ މެދު އޭނާއަށް ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ ބޯޑު މެންބަރު ޑރ. އިބްރާހިމް މަހްފޫޒާއި ފާތުމަތު މުއާޒާ އިތުރުފުޅު ހެއްދެވި ކަން ވަނީ ހާމަވެފައެވެ. އެ ދެ ބޭފުޅުން ވިދާޅުވެފައި ވަނީ ޓީއެމްއޭއާ އެކު އެމްއޭސީއެލުން ކޮށްފައިވާ މުއާމަލާތް ތަކުގައި، ޓީއެމްއޭއަށް ޓާމިނަލް 15 އަހަރަށް، އަކަމީޓަރެއް 10:35 ޑޮލަރަށް ކުއްޔަށް ދޭން ވެސް ބޯޑުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

އާ ޓާމިނަލްގެ ލައުންޖް ހަދަން އޮތް ސަރަހައްދުން 81 ޕަސެންޓްގެ ބޮޑު ޖާގައެއް ދޭން ކުރީގެ ބޯޑުން ނިންމައި، މެނޭޖްމަންޓުން ގެންދިޔައީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓީއެމްއޭއަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10:35 ޑޮލަރަށް، ކުރިއަށް އޮތް ދެ އަހަރަށް ދޭށެވެ.