ދައުލަތުގެ ހުރިހާ ކަމެއްވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގާތުން ބަލާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން އޭސީސީން ބެލުމަކީ އެ ކޮމިޝަނުން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ތެރޭގައި ހިނގާ އެހެން ކަންކަންވެސް ގާތުން އެ ކޮމިޝަނުން ބަލަމުން ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު، އެހެން ރަށަކަށް ވަަޑައިގަތުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އޭސީސީން އަންގާފައި ވަނިކޮށެވެ.

އޭސީސީއިން ބުނެފައިވަނީ މަހާސިންތާ ނިންމާލުމަށް ފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީއިން ވަނީ އަންގާފައެވެ.

އެ މައްސަލަ ހުށަޅާޅާފައި ވަނީ އަމިއްލަފަރާތަކުންނެވެ. އާންމު ފަރާތަކުން އޭސީސީއަށް އެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ރައީސް ނަޝީދު ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކުރި ކަމަށް ބުނެއެވެ.

އެމައްސަލަ ނިންމައި އޭސީސީއިން ރައީސް ނަޝީދަށް ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ ގއ ވިލިގިނލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ރައީސް ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު އެމަނިކުފާނުގެ ބޮޑީގާޑުންނާއި ޗީފް ބިއުރޯ އޮފިސަރު އައްޑޫ ގަމުން މާލެ ދިއުމަށް ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.