ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށު ސަގާފީ މަގު އިފްތިތާހްކޮށްދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ “މަރިޔަންމާ” ކެމްޕެއިން އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސް ރިނބުދޫއަށް ކުރައްވާ މި ދަތުރުފުޅަކީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަފްލާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މިއަދު ހުޅުވައިދެއްވި ސަގާފީ މަގަކީ ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަގާފަތް އަދި މަސައްކަތްތެރިކަމާއި ރަށާ ގުޅޭ “ފޯކުލޯ”ތައް ވެސް ދައްކުވައިދޭ މަގެކެވެ.

މިމަގަކީ ރިނބުދޫގައި ލޯކަލް ޓްއަރިޒަމް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއްކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ. މިމަގުގައި ފެންނަންހުރި ކުރެހުންތަކަކީ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓީސްޓް ކޮމިއުނިޓީގެ ކުރެހުންތެރިން ކުރަހާފައިވާ ކުރެހުންތަކެކެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީގެ ކުރެހުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

މި ކުރެހުންތަކުގެ އިތުރުން މިއަދު އެމަގުގައި ކުރިޔަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާ ސަގާފީ ހަރަކާތްތައްވެސް ރައީސް ބައްލަވާލެއްވިއެވެ.

މިއަދު އިފްތިތާހްކުރި މަރިޔަމްމާ ޕްރޮގްރާމަކީ އުފަންވެނި ސިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ތުއްތު ދަރިންނާއި މާބަނޑު އަންހެނުންނާ އެމީހުންގެ ފިރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމާއި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދެވޭނެއެވެ.

މީގެ އިތުރުން މާލީ ގޮތުންނާއި އެނޫންވެސް މާބަނޑު އަންހެނުންނަށް އިތުރު ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ. މި ޕްރޮގްރާމު ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސްވަނީ މި ޕްރޮގްރާމުގެ ބައިވެރިންނަށް މޭވާ ވަށިގަނޑެއް ހަދިޔާ ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުގެ ފަރާތުން ރައީސްޜަެެސއަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.