އިނގިރޭސިވިލާތުގެ އަމީރު ހެރީއާއި މޭގަން މާކޭލްގެ ބްރޭންޑެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ "ސަސެކްސް ރޯޔަލް" ޓައިޓްލް ބޭނުން ކުރުން، މިހާރުއްސުރެ ފެށިގެން ރާނީ މާމާފުޅު މަނާ ކުރައްވާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ހެރީއާއި މޭގަންގެ ކައިވެންޏަށްފަހު ހެރީއާއި ޝާހީ އާއިލާގެ ގުޅުން ކުޑަވެ، ޝާހީ މައިގަނޑުވަރުން ބޭރަށް ހެރީގެ ދިރިއުޅުން ބަދަލުކޮށް މިދިޔަ އަހަރުން ފެށިގެން އެ ދެމަފިރިން ދަނީ "ސަސެކްސް ރޯޔަލްސް" ބްރޭންޑެއްގެ ގޮތުގައި ބޭނުންކޮށް، އެ ޓައިޓްލް ޕްރޮމޯޓް ކުރަމުން މަސައްކަތް ކުރަމުންނެވެ. ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސްއަކީ އެ ދެމަފިރިންގެ ކައިވެންޏާއެކު ހެރީއާއި މޭގަން އަށް ލިބުނު ޝާހީ ލަގަބެވެ.

ޕްރިންސް ހެރީއާއި ޑަޗަސް މޭގަންގެ ގުޅިފައިވާ އިންސްޓަގްރާމް އެކައުންޓް

ބްރޭންޑެއްގެ ގޮތުގައި "ސަސެކްސް ރޯޔަލް" ބޭނުން ކުރުން އިނގިރޭސިވިލާތުގެ ރާނީ، ހެރީގެ ދެމަފިރިންނަށް މަނާކުރެއްވީ، ޝާހީ އާއިލާގެ ހުރިހާ މަގާމަކާ ލަގަބެއް ދޫކޮށްލުމަށްފަހު ހެރީގެ ދެމަފިރިން ކެނެޑާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހެރީއާއި މޭގަން ވަނީ ޝާހީ އާއިލާގެ މާލިއްޔާތުންވެސް އެމީހުން މިނިވަންވާނެ ކަން ހާމަކޮށް، އަމިއްލަ ފަންޑެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ.