ވ. ރަކީދޫގައި މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ ބައްޕަ އަކީ އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ފިރިމީހާ ކަމަށް އާފިޔާ ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ވަނީ ވީޑިއޯ ކޮންފަރެންސަކުން އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީގްގެ ހެކިބަސް ނަގާފައެވެ. ޝަފީގަކީ އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދޭ ފަރާތެވެ. އަދި އިބްތިހާލުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލޭ ފަރާތް ކަމުގައިވާ އާފިޔާގެ ފިރިމީހާ އަދި އިބްތިހާލްގެ ދޮން ބައްޕަވެސް މެއެވެ.

އާފިޔާގެ ޖުމްލަ ތިން ކުދިން ތިބެއެވެ. އާފިޔާގެ ދޮށީ ދަރިފުޅަކީ އިބްތިހާލެވެ. ހަގަށް ތިބެނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އޭގެތެރެއިން އެންމެ ކުޑައަށް ހުންނަ ފިރިހެން ކުއްޖާއަކީ ބަލި ކުއްޖެއް ކަމަށް 'ދަ ޕްރެސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ދެކުދިން ތިބެނީ ޝަފީގުގެ މަންމަ ކައިރީގައެވެ.

އިބްތިހާލާ މެދު އާފިޔާ ކަންތައް ކުރި ގޮތް މިއަދު ކޯޓުގައި ކިޔައިދެމުން ޝަފީގު ބުނީ، ދެން ތިބި ދެ ކުދިންނާއި އިބްތިހާލާ ދޭތެރޭ މަންމައަކު ކަންތައް ކުރާގޮތަށް ބަލާއިރު އާފިޔާ ކަންތައް ކުރަނީ ވަރަށް ތަފާތުކޮށް ކަމަށެވެ. އެގޮތުން އިބްތިހާލް ބަލިވިޔަސް އަޅާނުލާ ކަމަށާއި ކާން ދިނުމުގައި އާފިޔާ ފަރުވާ ކުޑަކުރާ ކަމަށާއި، ހެނދުނު ޖަހާ ނެޕީއާއެކު ހަވީރުވާ އިރުވެސް ހުންނަކަމަށް ޝަފީގު ބުނެއެވެ. ނަމަވެސް ދެން ތިބި ދެ ކުދިންނާ އެކު އާފިޔާ ޓީވީ ބަލައި ކުޅެހަދާ ކަމަށާއި ބަލިވިޔަސް ރޭގަނޑު އެކުދިން ކައިރީގައި ހޭލާ އިންނަ ކަމަށް ޝަފީގު ބުނެއެވެ. މީގެ އިތުރުން އިބްތިހާލާ މުއާމަލާތް ކުރާ އިރު އާފިޔާގެ ބަސްމަގު ހަރުކަށި ކަމަށާއި ދެން ތިބި ކުދިންނާ މުއާމަލާތް ކުރަނީ އެހެން ނޫން ކަމަށްވެސް އޭނާ ބުނެއެވެ.

އަދި ޝަފީގް ކުރިމަތީގައި ދުވަހަކުވެސް އާފިޔާ އެކުއްޖާއަށް އަނިޔާކޮށްފައި ނުވާ ކަމަށާއި، ނަމަވެސް ކުއްޖާގެ ގައިން ނޫފައިގެންފައި ހުންނަ ތަންތަން ފެނުމުން ކުއްޖާއާއި އާފިޔާއާ ވަކިން ސުވާލުކުރި ކަމަށެވެ. އެއީ ކުޅެން އުޅެގެން ލިބޭ އަނިޔާ ކަމަށް އާފިޔާ ބުނި ނަމަވެސް އިބްތިހާލް ބުނަނީ އާފިޔާ ކުރަނީ ކަމަށް ޝަފީގް ބުނެއެވެ.

ދައުލަތުން ކުރި ސުވާލަކަށް ޖަވާބުދެމުން ޝަފީގު ބުނީ، މަސައްކަތު ނިންމާލުމަށް ފަހު އޭނާ ގެއަށް އަންނައިރު އިބްތިހާލް އިންނާނީ ކާގޭގައި ހުންނަ ގޮނޑިއެއްގައި އެކަނިމާ އެކަނި ކަމަށެވެ. އެހެން ފެންނަ ގިނަ ދުވަސްތަކުގައި ހުންނަނީ ފެންވެސް ނުވަރުވާ ކަމަށާއި ހަވީރު އޭނާ މަސައްކަތް ނިންމާލާފައި ގެއަށް އަންނަ ވަގުތު ކުއްޖާ ހުންނަނީ ނުކައި ހާންތިވެފައި ކަމަށެވެ. މިޒާޖުގެ ގޮތުން އިބްތިހާލަކީ ވަރަށް ބަސްމަދު މަޑުމައިތިރި ގެންގުޅެން ވަރަށް ފަސޭހަ ކުއްޖެއް ކަމަށް ޝަފީގް ބުނެއެވެ.

އާފިޔާއަށް ލިބުނު ފުރުސަތުގައި، ޝަފީގާ ސުވާލު ކުރަން ބޭނުން ނުވާ ކަމަށް ބުނެއެވެ. އަދި މިއަދުގެ ޝަރީއަތުގައި ޝަފީގު ހެދީ ހުސް ދޮގު ކަމަށާއި އިބްތިހާލަކީ ޝަފީގުގެ ދަރިއެއް ކަމަށް އާފިޔާ ބުނެއެވެ. އެހެންކަމުން ދެން އިތުރަށް ބުނަން ބޭނުންވާ އެއްޗެއް ނެތްކަމަށް އާފިޔާ ބުނެއެވެ.

މިއަދު ޝަރީއަތުގެ މަޖިލީހަށް ފަހު މި މައްސަލައިގައި ހެކިބަސް ނެގުމުގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. އެހެންކަމުން ދެން މި މައްސަލައިގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. މި މަހުގެ 26 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

މި މައްސަލައިގެ ހުކުމް ކުރުން އޮންނާނީ އަންނަ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ.

އިބްތިހާލް މަރާލި ކަމަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސް ވިޔަސް، ފަހުން އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އާފިޔާ ބުނެފައި ވަނީ މީގެ ކުރިން ދަރިފުޅު މަރާލި ކަމަށް އެއްބަސްވެ ތަހުގީގާއި ޝަރީއަތުގައި ވާހަކަ ދެއްކީ ބަޔަކު ބިރު ދައްކައިގެން ކަމަށެވެ.