އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ޗާޓަޑް އިންސްޓިޓުއުޓް އޮފް އާބިޓްރޭޓާސްގެ މެންބަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ފަނޑިޔާރަކަށް ލިބިވަޑައިގެންފިއެވެ.

ހައިކޯޓުން ބުނީ، ޗާޓަޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސް އިން ހިންގާ އިންޓަނޭޝަނަލް އާބިޓްރޭޝަންގެ ކޯހުގައި އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން މަޒީދު ބައިވެރިވެވަޑައިގެން އިމްތިހާނުން ފާސްވެވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެ ދެ ފަނޑިޔާރުންނަށް ޗާޓަޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓަސްގެ މެންބަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށް ހައިކޯޓުން ބުނެއެވެ. ހާތިފް ހިލްމީ އާއި ހުސައިން މަޒީދު، އެ ކޯހުގައި ބައިވެރިވެވަޑައިގެންފައި ވަނީ މި ދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ހައިކޯޓުން ބުނެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ފަނޑިޔާރުން އިތުރަށް ތަމްރީންގެ ފުރުސަތުތައް ފަހިކުރުމަށް ޖޭއެސްސީން އިންޑީއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ޖޭއެސްސީން ބުނީ، މި އެމްއޯޔޫގެ ސަބަބުން އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީން ރާއްޖޭގެ ފަނޑިޔާރުންނަށް ހާއްސަ ކުރެވިގެން 200 ފުރުސަތު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިއީ މިފަދަ އެމްއޯޔޫއެއްގައި އެ ކޮމިޝަނުން ސޮއިކުރި ފުރަތަމަ ފަހަރު ކަމަށް ޖޭއެސްސީން ބުނެއެވެ.