"ބަރަހަނާ" އޭ ކިޔުމުގެ ބަދަލުގައި ހިޔާލުތަފާތުވާ ނުކުތާއަށް ވާހަކަ ދެއްކެވުމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ޝެއިހު ޒައިދަށް ގޮވާލައްވައިފިއެވެ.

ދިޔާނާ މިހެން ވިދާޅުވެފައި ވަނީ ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު، ބިލާލް ފިލިޕްސް ރާއްޖެ ގެންނަން އުޅުމުގައި އުފެދުނު ހިޔާލުތަފާތު ވުންތަކާ ގުޅިގެން ކުރެެއްވި ޓްވީޓަކަށް ރައްދުދެއްވާއެވެ.

އަލި ޒައިދު ކުރެއްވި ޓްވީޓުގައި ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ދެކޮޅު ހައްދަވަނީ އެ ބޭފުޅާއަކީ "2 ޕީސް" (ބިކިނީ) ގައި އުޅުއްވާ ބޭފުޅަކަށް ނުވާތީތޯ ވަނީ ސުވާލު ކުރައްވާފައެވެ. ލާދީނީ އަމަލުތަކާއި ލާދިނީ ވާހަކަތަށް ނުދައްކާތީ އެއީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ކަނޑައެޅީތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ. އަދި ބައެއް މަޖިލިސް މެންބަރުންނަށް އެ މަގާމު ލިބުމުން އެއީ މާ މަތީމަގާމެއް ކަމަށް ހީކުރެވުނު ނަމަވެސް ﷲ މާ މަތިވެރި ކަމަށްވެސް އަލީ ޒައިދު ވިދާލުވެފައިވެއެވެ.

އެކަމަށް ރައްދު ދެއްވާ ދިޔާނާ ވިދާޅުވެފައި ވަނީ ބަރަހަނާވުމޭ ވިދާޅު ނުވެ ވާހަކަ ދައްކަވާ މައުޟޫއާ ގުޅޭގޮތުން ވާހަކަ ދެއްވެމަށެވެ. އަދި ހިޔާލު ފާޅުކުރެއްވުމުގައި ބަހުގެ ދަރަޖަތަކަށް ބައްލަބާލެއްވުމަށްވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

ޑރ.ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅު ހައްދަވާ ދިޔާނާ ވިދާޅުވެފައި ވަނީ އެއީ ހަރުކަށިފިކުރު ގެންގުޅުއްވާ ބޭފުޅެއް ކަމަށް ގިނަ ގައުމުތަކުން ފާހަގަކުރައްވާފައިވާ ކަމަށާއި ރާއްޖޭގައި ހަރުކަށިފުކުރު ފެތުރިފައިވާ ދަނޑިވަޅެއްގައި ގެނައުން ރަނގަޅު ނޫން ކަމަށް ދިޔާނާ ވިދާޅުވެފައި ވެއެވެ. އަދި ސުލްހަވެރި އިލްމުވެރިންނަށް އަބަދުވެސް މަރުހަބާ ވިދާޅުވާނޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ޓްވީޓެއް ކުރައްވާ، ބިލާލް ފިލިޕްސްއަށް ދައުވަތު ދެއްވާ އެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށާއި ދަރުސް ދެއްވާނީ ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދެއްވުމަށް ކަމަށް އިއްޔެ ވަނީ ވިދާޅުވެފައެވެ. އެހެން ވިދާޅުވުމާ އެކު އުފެދެމުންދާ ސުވާލުތަކާއި އަދި ކަންބޮޑުވުނަތަކާ ގުޅިގެން ކަމާ ގުޅޭ އިތުރު ބައެއްގެ ލަފާ ހޯއްދެވުމަށް ޑރ. ބިލާލް ޕިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލައްވާ އެ އިވެންޓް ފަސްކުރައްވައި ފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވަނީ ރޭގައެވެ.