މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތެއް އަންނަ ހޯމަ ދުވަހަށް ހައި ކޯޓްގައި ތާވަލުކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ 12:50 އަށް ހައިކޯޓުގައެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލާގައި، މިހާތަނަށް ވަނީ ދެ އަޑުއެހުމެއް ބާއްވާފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހު 28 ވަނަ ދުވަހެވެ. އެ އަދުއެހުމުހައި ރައީސް ޔާމީންގެ ފަރާތުން އެދިފައި ވަނީ ބެއިލް ދިނުމަށާއި ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށެވެ. ބެއިލް ކުރުމާ ބެހޭގޮތުން ދެފަރާތުން ބަހުސް ކުރުމަށްފަހު ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ފަހު ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ބުނެފައެވެ.

މައްސަލަ ދިރާސާ ކުރުމަށްފަހު މިމަހު 6 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް ތަންފީޒު ކުރުން ލަސް ކުރެވެން ނެތް ކަމަށާއި، އަދި ބެއިލް ދެވެން ނެތް ކަމަށް ނިންމާފައެވެ. ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެވެން ނެތް ކަމަށް ހައިކޯޓުގައި ނިންމާފައި ވަނީ މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި ހުކުމް ތަންފީޒުކުރުން ލަސް ކުރުމަށް އަމުރު ކުރާނެ ޖާގައެއް ނެތް ކަމަށް ނިންމީ، ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

މި މައްސަލާގެ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔަރު ހުސެއިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒު ހުންނަވާއިރު، އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދެވެ.