ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މާދަމާއިން ފެށިގެން އަމަލުކުރަންފަށަން ނިންމައިފިއެވެ.

އެ ގާނޫނުގައި ބަޔާން ކުރަނީ، އެ ގާނޫނާށް އަމަލުކުރަންފަށަނީ ގާނޫނު ތަސްދީގުކޮށް ދިވެހި ސަރުކާތުގެ ގެޒެޓުގައި ޝާއިތުކުރާ ތާރީހުންފެށިގެން ތިން މަސްދުވަސް ހަމަވާ ދުވަހުން ފެށިގެން ކަމަށެވެ. އެހެން ކަމުން މިރޭ މެންދަމު 12 އިން ފެށިގެން ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.

އެ ގާނޫނުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ގާނޫނުން ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދެވޭނެއެވެ. އަދި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށް، އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި ފޮސްޓާ ކުރެވޭ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރާއިރު ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްތައް ވެސް ކަނޑައަޅާފައިވެއެވެ.

އަދި އެ ހައްގުތައް ކަށަވަރުކުރުމުގެގޮތުން މިގާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރާ މިންވަރު މޮނިޓާކުރުމަށްޓަކައި އުފައްދަންޖެހޭ މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެ ގާނޫނަށް މާދަމާއިނ ފެށިގެން އަމަލުކުރަން ފަށާއިރު، ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހުވެސް ވިދާޅުވެފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިމަހު 20 ގައި އަމަލުކުރަން ފަށާނެ ކަމަށެވެ. އެހެންކަމުން ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މާދަމާ އަމަލުކުރަން ފަށާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ ކުރީގެ ސަރުކާރުތަކުން ފާސްކުރުމަށް ވާހަކަދައްކާފައިވާ ގާނުނެއް ކަމަށާއި އަދި އެ ގާނޫނު ފާސްކުރުމަށް ވާހަކަދައްކާތާ 28 އަހަރުވެފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ މިދިޔަ މަހެއްހާ ދުވަސް ހޭދަކުރީ ވަރަށް ހިތްދަތި އިހްސާސްތަކެއްގެ ތެރޭގައި ކަމަށެވެ. އެއީ އުމުރުން ދެ އަހަރުނުވާ "މައުސޫމް ތުއްތު" އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އިހްސާސްތައް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެކަން އެހެން ހިނގުމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ އަދުލު އިންސާފު އަރައި ހަމަނުކުރުން ކަމަށާއި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަވެސް ނުނިމި އެބަހުރި ކަން ރައީސް ވަނީ ފާހަގަކުރެއްވާފައެވެ.