ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ޝާއިރުކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ ރެކޯޑިން ފުރަތަމަ ފަހަރަށް އާންމު ކުރަން ފެށިކަން އިއުލާން ކޮށްފައި ވަނީ ޖުޑީޝަލް އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މިއީ ރާއްޖޭގައި ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ދެކެވިފައިވާ ވާހަކަތަކުގެ އޯޑިއޯ ވަކިން އަޑުއެހޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކެއްގެ ރެކޯޑިން އޭގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ޓީވީން ލައިވް ބްރޯޑްކާސްޓްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ. އޭގެފަހުން އެއްވެސް ޝަރީއަތެއް ޓީވީން ލައިވް ކޮށްފައެއް ނުވެއެވެ.