ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި "ސިއްރު" ވާހަކަ ނުދެއްކެވުމަށް އެމަނިކުފާނު އިލްތިމާސް ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހުސްވަގުތު ކޮޅަށް ޖެހުމުގެ ކުރިން ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޓާމިނަލް މައްސަލަ ތަހުގީގުކޮށް ނެރުނު ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށް އިއްޔެގެ މަޖިލިސް ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް އޭސީސީން ފޮނުވި ސިޓީގައި ބޮޑު އަކުރުން "ސިއްރު" ޖަހާފައި އޮތުމުން ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ޖަހާފައި އޮތުމުން އެކަމުގައި އަމަލު ކުރަންވީ ކިހިނެއްތޯ އަމީން އާއްމުގެ އަރިހުންނާއި ކައުންސެލާ ޖެނެރަލްގެ އަރިހުން އެތައް ފަހަރަކު އެއްސެވިން ކަމަށެވެ.

އެތައް ފަހަރަކު އަމީން އާއްމު އަރިހުގައާ ކައުންސިލާ ޖެނެރަލް އަރިހުގައި އެހިން ކިހިނެއްތޯއޭ ހަދާނީ މިއީ އަޅުގަނޑު ވަރަށް ހިތް ނުރުހޭ ކަމެކޭ ސިއްރު ޖަހަ ޖަހާފައި މިތަނަށް ތަކެތި ފޮނުވުމުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިއްރު ޖެހުމަށްފަހު މަޖިލީހަށް ކިތަންމެ އަވަހަކށް ތަކެތި ފޮނުވި ނަމަވެސް މަޖިލީހުގެ 87 މެންބަރުންނަށް އެ މައުލޫމާތު ފޯރާނެ ކަމަށެވެ. ސިއްރުކަން މަތީގައި ފޯރުކޮށްދޭނެ ކަމަށެވެ.

"ސަރުކާރު އެއްވެސް ބޭފުޅަކުވެސް ދައުލަތުގެ އެއްވެސް ބޭފުޅަކުވެސް މަޖިލީހުގެ ރައީސް ކައިރީގައި ސިއްރުން ވާހަކައެއް ދައްކަވައިގެން ނުވާނެ. އަޅުގަނޑަށް އެނގޭ އެއްޗެއް ވިއްޔާ މަޖިލީހުގެ 87 މެންބަރުންނަށް ހަމަ ސިއްރުން އަޅުގަނޑު ދަންނަވާނީ،" ނަޝީދު ވިދާޅުވިއެވެ.

އޭސީސީގެ ރިޕޯޓަކީ ސިއްރު އެއްޗެއް ކަމަށް ނަޝީދު އިއްޔެ ވިދާޅުވި ނަމަވެސް ރޭ މަޖިލީހުގެ އިދާރާއިން ވަނީ އެ ރިޕޯޓު އާއްމު ކޮށްފައެވެ. އަދި މަޖިލިސް މެންބަރުންނަށްވެސް އެ ރިޕޯޓު ހިއްސާވެސް ކޮށްފައެވެ.