ސޫރިޔާގެ އުތުރު-އިރުމަތީ ސަރަހައްދުގައި ހާލުގައިޖެހި އިންސާނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އދއިން ބުނެފިއެވެ.
ސޫރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވަނީ، އިދްލީބު ޕްރޮވިންސްގެ ކޮންޓްރޯލް ނެގުމުގެ ނަމުގައި ސޫރިޔާގެ ސަރުކާރުން އެ ސަރަހައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން ގެދޮރު ގެއްލޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުން ކަމަށްވެސް އދއިން ބުނެއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރުން މަހުން ފެށިގެން އަދާ ހަމައަށް އާދެވުނުއިރު އިދްލީބު ޕްރޮވިންސްއިން 900000 އެއްހާ މީހުންގެ ގެދޮރު ގެއްލިފައި ވާ ކަމަށާ، މީގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން ކަމަށް އދއިން ބުނެއެވެ.
ކަންމިހެން އޮތްއިރު، އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ހަމަ އެކަނި ސަރަހައްދު ކަމަށްވާ އިދްލީބު ޕްރޮވިންސްގެ ހިސާބުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމުގެ ނަމުގައި ހިންގާ އޮޕަރޭޝަންގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާ، ސްކޫލްތަކަށް ހަމަލާ އަމާޒު ކުރަމުންދާކަން އދއިން ވަނީ ފާހަގަކޮށްފައެވެ.
ސޫރިޔާގައި ދެވަނަ އަށް އެންމެ ބައިބޯ ޙަލަބުގެ ޕްރޮވިންސްތަކާ އިދްލީބު މިނިވަން ކުރުމަށް ސަރުކާރުން ހިންގާ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ސޫރިޔާގެ ރައީސް ބައްޝަރު އަލް-އަސަދު ވަނީ ވައުދުވެވަޑައިގެންފައެވެ.
މިދަނޑިވަޅުގައި، އިންސާނީ އެހީއާއި ބެހޭ އދގެ އަންޑާ ސެކްރެޓަރީ ޖެނެރަލް މާކް ލޯވްކޮކް ވަނީ އިންޒާރުގެ ވަރުގަދަ މެސެޖެއްވެސް ދެއްވާފައެވެ. އެގޮތުން 21 ވަނަ ގަރުނުގައި ދުނިޔެ ދެކޭނެ އެންމެ ބިރުވެރި އިންސާނީ ކާރިސާގެ ވާހަކަ ހަގީގަތަކަށް ނުވާން އޮތީ ހަމަ އެންމެ ގޮތެއް ކަމަށާ، އެއީ ދެ ފަރާތުންވެސް ހަމަލާ ބަދަލު ކުރުންތައް ހުއްޓާލާ ސުލްހަ ވުން ކަމަށް ލޯވްކޮކް ވަނީ ވިދާޅުވެފައެވެ.
ވަގުތީ ހިޔާތަކާ ރެފިއުޖީ ކޭމްޕުތައް ފުރިބާރުވުމުގެ ސަބަބުން ގިނަ ބަޔަކަށް ނިދަންޖެހިފައިވަނީ އެއްވެސް ހިޔާވަހިކަމެއް ނެތި ގަދަ ފިނީގައި ކަމަށާ، މިކަމުގެ ސަބަބުން ތުއްތު ކުދިންނާ ކުދިންގެ ފުރާނަ ގެއްލިދާކަން ލޯވްކޮކް ވަނީ ފާހަގަކުރައްވާފައެވެ.
ލޯވްކޮކްވެސް ވިދާޅުވީ ހަމަލާތައް ދެމުންދަނީ ވަކި އަމާޒެއް ބެލުމެއް ނެތި ކަމަށާ، ހާލުގައި ޖެހިފައިވާ މީހުން ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ސަރަހައްދުތަކަށްވެސް ހަމަލާ އަމާޒުވާކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށެވެ.
2011 ވަނަ އަހަރު ސޫރިޔާގެ ދާހިލީ ހަނގުރާމަ ފެށުމުގެ ކުރިން އިދްލީބުގެ އާބާދީއަކީ ގާތްގަނޑަކަށް 1.5 މިލިއަން މީހުންނެވެ. ނަމަވެސް ސޫރިޔާގެ އެކި ހިސާބުތަކުގައި ހަނގުރާމަގަނޑު ގަދަވުމުގެ ސަބަބުން އެތައް ބަޔަކު އިދްލީބަށް ހިޖުރަކުރިއެވެ. މިއާއެކު އިދްލީބުގެ އާބާދީ ދެގުނައަށް އިތުރުވެގެންދިޔައެވެ. އެހެންކަމުން، އިދްލީބުން މިހާރު ގެދޮރު ގެއްލިގެންދާ މީހުންގެ ތެރޭގައި، ދެވަނަ ފަހަރަށް ރެފިއުޖީންނަށްވާ މީހުންވެސް މަދެއް ނޫންނެވެ.