ކޮލަށް ކަރުދާސްކޮޅެއް ލައިގެންވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްފަތަފާ މިހެން ވިދާޅުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވަމުން ދިއުމާ ގުޅިގެން އެކަމަށް އަލީ ވަހީދު ރައްދު ދެއްވާ އެއީ ބަޔަކު ރާވައިގެން ކޮއްގެން އުޅޭކަމެއް ކަމަށާއި އެއީ އަލީ ވަހީދު ނޫން ކަމަށް ބުނުމުންނެވެ.

މުސްތަފާ ވިދާޅުވެފައި ވަނީ އެއީ އަސްލެއް ކަމަށާއި ހަށިގަނޑުގެ ބައިތަށް ވަކިކޮށްފައި އޮތް ނަމަވެސް އެއީ އަލީ ވަހީދު ކަމަށް ދައްކާނެ ކަމަށެވެ. އަދި އެހެން ސިޔާސީ ލީޑަރުންގެ އަޑުން ވާހަކަ ދެއްކި އަޑުވެސް އަހާފައި ވާކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ ލީކުވެގެން އުޅޫ އޯޑިއޯތަކާ ގުޅޭގޮތުން ފުލުހުންނަށް މިހާތަނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯ ތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭފަދަ އޯޑިއޯއެއް ފާހަގަ ކުރެވިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ އޯޑިއޯ އާ ގުޅޭ ކަންކަން އިތުރަށް ސާފު ކުރަމުން ދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވެފައި ވަނީ ދައުރު ކުރަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަން ފުރިހަމަ ތަހުގީގެއް ކުރުމުން އެނގޭނެ ކަމަށެވެ. މިކަން ފާހަގަ ކުރައްވާ އޭނާ ވަނީ، އޭނާގެ މައްޗަށް ތަހުގީގެއް ހިންގުމަށްވެސް އެދިވަޑައިގެންފައެވެ. އަލީ ވަހީދު ވިދާޅުވީ، ތަހުގީގެއް ހިންގުމުން ހަގީގަތް ސާފުވެގެން ދާނެ ކަމަށެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ ޖުމްލަ 5 އޯޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އޭގެ ތެރޭގައި ފުރަތަމަ ލީކުވީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ފާޑުކިއުން އަމާޒުކޮށް، އަމީނަށް ނިސްބަތް ކުރައްވާ ހަޑިހުތުރުބަހުން ވާހަކަ ދައްކަވާ އޯޑިއޯއެެވެ. ދެވަނައަށް، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި އެޑިއުކޭޝަނުގެ ޕޮލިސީ ފެއިލް ކޮށްލައްވާނެ ކަމަށް ވިދާޅުވެ، އެޑިއުކޭޝަނުގެ ގަވައިދަށް ނިސްބަތްކުރައްވައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވިއިރު، ތިން ވަނަ އަށް ލީކުވެފައި ވަނީ، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބޭއަދަބީ ބަހުރުވައިން، ޖިންސީ ފުރައްސާރަ ކުރާ އޯޑިއޯއެކެވެ.

ހަތަރު ވަނައަށް ލީކުވީ، ސުޕްރީމް ކޯޓުގެ ކާރުތަކުގެ ޑިއުޓީން ކޮރަޕްޝަން ހިނގާނެ ކަމަށާއި، އެ ކަމުގައި 8 ލައްކަ ރުފިޔާގެ ކަޓެއްގެ ވާހަކަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ދައްކާ އޯޑިއޯ އެކެވެ. އަދި އެއަށްފަހު، ޕާޓީ ކުރުމާއި، ނާސިގެތަކަށް ދިއުން ފަދަ، އިސްލާމް ދީނާ ބީރައްޓެހި އަމަލުތަކަށް އަރައިގަތުމުގެ ވާހަކަތަކެއް ދައްކާ އޯޑިއޯއެއް ވެސް ވަނީ ލީކުވެފައެވެ.