ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ސިއްރު ރިޕޯޓުގައި ޓީއެމްއޭ އަދި މަންޓާއަށް ނާޖާއިޒް ފައިދާ ހޯދައިދިނުމާއި އާއިލީ މަސްލަހަތު އޮންނަކަން ފާހަގަވެގައިވާ ކަމަށް ބުނެފިއެވެ.

މިއަދު މަޖިލީހުން އާންމުކުރި އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ވަކި ބައެއްގެ ފައިދާއަށް ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް ޖާގަ ދޫކުރުމުގައި އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލްވުމެއްގައި ނޮވެންބަރު 28، 2017 ގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ބޯޑުގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އަދި މަންޓާ އެއާ އާ ދެމެދު އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނައިރު، އެމްއޭސީއެލްގެ ބޯޑުގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ފަރާތްތަކުގެ މަސްލަހަތު އެ ދެ ކުންފުނީގައި އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭސީސީން ބުނެފައި ވަނީ އެ ކޮމިޝަނުން ކުރި ތަހުގީގުން ފާހަގަ ކުރެވުނު ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށާއި މި މައްސަލާގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ހުރީ މި މަހުގެ 13 ވަނަ ދުވަހު އޭސީސީން ނެރުނު ނޫސް ބަޔާނުގައި ވެސް ފާހަގަކޮށްފައި ހުރި ކަންތައްތަކެވެ.

އޭސީގެ ރިޕޯޓަކީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަނޑައެޅުމުން އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މިހާރު އެ ރިޕޯޓު ވަނީ އާންމުކޮށްފައެވެ.