މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވަމުން ދިއުމާ ގުޅިގެން، ޖުމްހޫރީ ޕާޓީ ތެރޭގައި ކަންބޮޑުވުންތައް އުފެދިއްޖެއެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހަކުގެ އަޑުގައި ތައްޔާުކޮށްފައިވާ އޯޑިއޯތަކުގައި އޭނާ ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބޭއަބަދީ ބަހުރުވައިން ވާހަކަ ދައްކަވާފައެވެ. މި އޯޑިއޯތަކަކީ ޖޭޕީގެ އަސާސްތަކާ މިންގަނޑުތަކާ ހިލާފު އަޑުތަކެއް ހުރި އެއްޗަކަށް ވުމާއެކު، އެ ޕާޓީ ތެރޭގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ، ލީކު ވެގެން އުޅޭ އޯޑިތަކުގައި ވާހަކަ ދައްކާ ފަރާތާއި އަލީ ވަހީދުގެ އަޑާއި ވައްތަރު ކަމަށެވެ. މިހެން ވިދާޅުވެ އޭނާ ވަނީ ބައެއް ޝޯ ތަކުން ވެސް އެއްވައްތަރުގެ އަޑު ގެންގުޅުމާއި އަޑު ނަކަލު ކުރުމަކީ ފެންނަ ކަމެއް ކަން ފާހަގަ ކުރައްވާފައެވެ.

އަލީ ސޯލިހް ވިދާޅުވީ، އޯޑިއޯތަކުގައި ހުރީ އަލީ ވަހީދުގެ އަޑުކަމެއް ނުވަތަ ނޫންކަމެއް ސީދާ ޔަގީންކަމާއެކު ވިދާޅުވާން ދަތި ކަމަށެވެ. ނަމަވެސް އެ އޯޑިއޯތަކުގައި ނަހުލާއާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޖޭޕީގެ ބައެއް ކައުންސިލު މެންބަރުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ ޖުމްލަ 5 އޯޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އޭގެ ތެރޭގައި ފުރަތަމަ ލީކުވީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ފާޑުކިއުން އަމާޒުކޮށް، އަމީނަށް ނިސްބަތް ކުރައްވާ ހަޑިހުތުރުބަހުން ވާހަކަ ދައްކަވާ އޯޑިއޯއެެވެ. ދެވަނައަށް، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި އެޑިއުކޭޝަނުގެ ޕޮލިސީ ފެއިލް ކޮށްލައްވާނެ ކަމަށް ވިދާޅުވެ، އެޑިއުކޭޝަނުގެ ގަވާއިދަށް ނިސްބަތްކުރައްވައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވިއިރު، ތިން ވަނަ އަށް ލީކުވެފައި ވަނީ، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބޭއަދަބީ ބަހުރުވައިން، ޖިންސީ ފުރައްސާރަ ކުރާ އޯޑިއޯއެކެވެ.

ހަތަރު ވަނައަށް ލީކުވީ، ސުޕްރީމް ކޯޓުގެ ކާރުތަކުގެ ޑިއުޓީން ކޮރަޕްޝަން ހިނގާނެ ކަމަށާއި، އެ ކަމުގައި 8 ލައްކަ ރުފިޔާގެ ކަޓެއްގެ ވާހަކަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ދައްކާ އޯޑިއޯ އެކެވެ. އަދި އެއަށްފަހު، ޕާޓީ ކުރުމާއި، ނާސިގެތަކަށް ދިއުން ފަދަ، އިސްލާމް ދީނާ ބީރައްޓެހި އަމަލުތަކަށް އަރައިގަތުމުގެ ވާހަކަތަކެއް ދައްކާ އޯޑިއޯއެއް ވެސް ވަނީ ލީކުވެފައެވެ.