މައްސަލަ ބޮޑުވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ) އަށް ޓާމިނަލުން ބޮޑު ޖާގައެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިނުމަށް ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭސީސީން އެކުލަވާލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ރިޕޯޓް ކޮމިޓީއަށް ހިއްސާކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެ ސިއްރު ރިޕޯޓު މަޖިލީހުގެ މެންބަރުންނާއިވެސް ހިއްސާކުރަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުން މައުލޫމާތުތަކެއް މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތައް ސީޕްލޭން ޓާމިނަލް (ޓީއެމްއޭ) ދޭން އުޅުނީ މި ސަރުކާރުން ނޫންކަމަށާއި، ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށްވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭއަށް 55 މިލިއަން ޑޮލަރުގެ ޓާމިނަލުގެ ކަންކަން ނިންމާފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށާއި ގައުމަށް އެންމެ ލުއިގޮތެއް ހޯދައިދޭން ކަމަށެވެ.

ޓާމިނަލް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން)ވެސް ވަނީ ތަހުގީގުކޮށްފައެވެ. އޭސީސީން ބުނީ ސީޕްލޭން ޓާމިނަލް ދީފައިވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު މަންފާއެއް ލިބި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

އޭސީސީން ބުނީ އެ މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައިވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކުރެވިފައެއް ނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.