ޕްރޮބޭޝަންގެ މުއްދަތު ހަ މަހަށް އިތުރުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން އާއްމުންގެ ކަންބޮޑުވުންތައް ހުރުމުން އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަދަލު ގެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އިއްޔެއާއި މިއަދު ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން އަންނަނީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާއެވެ. އީސަ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި ހަ މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލު ކުރެވިދާނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.
މި އިސްލާހުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ޕްރޮބޭޝަން މުއްދަތާއި ބަލިވެގެން ސަލާމް ބުނުމުގެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެ އިސްލާހުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަމަށް ރަނގަޅު ހައްލެއް ހޯއްދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނީ ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަމަށެވެ. ހަ މަހުގެ ޕްރޮބޭޝަން މުއްދަތަކީ ވަޒީފާ އަދާކުރާ ފަރާތުގެ ހައްގު ގެއްލި ވަޒީފާ ދޭ ފަރާތަށް ލިބިދެވޭ އިތުރު މަންފާއެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.