އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ހ.ނޫމުތީ، އައިޝަތު ނޫރާ މުހައްމަދު ހަމަޖައްސައިފިއެވެ.

ނޫރާ އެ މަގާމަށް ހަމަޖެއްސުމާ އެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އޭނާއާ ބައްދަލުކުރައްވާފައެވެ. ނޫރާއަކީ މާސްޓާސް އޮފް އާރޓްސްއިން އިންޓަރނޭޝަނަލް ސްޓަޑީޒްް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

މީގެކުރިން އިންސްޕެކްޓާ އޮފް ކަރެކްޝަންގެ މަގާމުގައި ހުންނެވީ މިހާރުގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ. ނަމަވެސް ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒު މަގާމުން ވަކި ކުރައްވާ ކޮމިޝަނަރަކަށް އަހުމަދުފުޅު އައްޔަން ކުރެއްވި ހިސާބުން އިންސްޕެކްޓާ އޮފް ކަރެކްޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.

އަލަށް އައްޔަން ކުރައްވާފައިވާ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުގެ ބެލުމުގެ ދަށުން ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައިވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރުމަށްޓަކައި ހާއްސަ ކޮމެޓީއެއްވެސް ދާދިފަހުން ވަނީ އެކުލަވާލާފައެވެ.