ރާއްޖޭގެ ތައުލީމީ ނިޒާމުގައި ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައިވާ ނަމޫނާތަކަކީ މުޅި ގައުމުވެސް ފަހުރުވެރިވާފަދަ ކަންތައްތަކެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރުސީ ތައުލީމު ދިނުމަށްޓަކާ އެންމެ ފުރަތަމަ އެ މަސައްކަތްކުރެވުނު ސްކޫލަކީ ޖާމާލުއްދީން ސްކޫލުކަމާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ އެ ސްކޫލުން ނަމޫނާ ދައްކުވައި ދީފައިވާކަން ފާހަގަކުރައްވާފައެވެ.
ނައިބު ރައީސް ވިދާޅުވީ، ހާއްސަ ގޮތެއްގައި 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުމުގެ އަގުވަޒަންކޮށް އޭރުގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތިމާވެށީގެ ފެހިފަތް އެސްކޫލުން ހާސިލު ކޮށްފައިވާކަމީ އެ ސްކޫލުގައި މީގެ 35 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް މަސައްކަތްކުރި ފަރާތްތަކުގެ މައްޗަށް ފަހުރުވެރިވާން ޖެހޭކަމެއް ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސްކޫލުދައުރުގެ ހަނދާންތައް އާ ކުރައްވަމުން މިހާރުގެ ސްކޫލު ދަރިވަރުންނަށް ވަނީ ނަށެހަތްތަކެއް ދެއްވާފައެވެ. އެގޮތުން ކުދިކުދި ކަންކަންވެސް ރަނގަޅަށް ކުރަން އާދަކުރުމާއި އެކުގައި މަސައްކަތްކުރުމާއި މުދައްރިސުންނާއި މައިންބަފައިންނާ ބޮޑެތި މީހުންނަށް އިހްތިރާމު އަދާކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ހަމަ އެހެންމެ ސްކޫލުގެ އަހަރީ ދުވަސް ފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ އެއްކަމަކީ ޓީޗަރުންނާއި އުގަންނައިދޭ ފަރާތްތަކަށް އިހްތިރާމު އަދާކުރުމާއެކު އެފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއި ޓީޗަރުންދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސް ކުރުންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މި ޖަލްސާގައި ޖަމާލުއްދީން ސްކޫލުގެ އިސްމަގާމުތަކަށް ހޮވިފައިވާ ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައި ވަނީ ނައިބު ރައީސެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ސްކޫލުގެ އަހަރީ ދުވަހުގެ ކޭކު ފެޅުމުގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.