މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅުގައި، އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭސީސީއަށް ހުށަހާޅާފައި ވަނީ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނަވާ، މަގާމުގެ ހައިސއްޔަތުން ޝައުނާއަށް ލިބިވަޑައިގެންފައިވާ މައުލޫމާތު، ކުރިން ޝައުނާގެ ހިއްސާ އޮންނަ އަދި މިހާރު އޭނާގެ ފިރިކަލުން މުހައްމަދު ތޯރިގް ހަމީދުގެ ހިއްސާ އޮންނަ އެޓޯލްސް ކޮމިއުނިކޭޝަން ކުންފުންޏާ ހިއްސާ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. އެޓޯލްސް ކޮމިއުނިކޭޝަން ކުންފުންޏަކީ ސީޕްލޭން ޓާމިނަލް ނުއަގުގައި ކުއްޔަށް ދިން ކަމަށް ޝައްކު ކުރެވޭ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލަފާ ދިނުމަށް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކުންނެވެ. އެ ސިޓީގައި ބުނީ، ޝައުނާގެ ފިރިކަލުންގެ ހިއްސާ އޮތް ކުންފުންޏަކުން ޓީއެމްއޭއަށް ލަފާ ދިނުމަކީ މަސްލަހަތަށް ފުށޫ އަރާކަމެއް ކަމަށެވެ. އެގޮތުން ޝައުނާއަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަށް ވުމާއެކު، ސަރުކާރުގެ މުހިންމު ސިޔާސަތުތައް ބައްޓަން ކުރުމުގައި ސީދާ ގޮތުން އޭނާ ހަރަކާތްތެރިވާ ކަމަށާއި، ސަރުކާރުން ޓީއެމްއޭއަށް ޓާމިނަލް ދިނުމާމެދު ގެންގުޅޭނެ ސިޔާސަތުތައް ކަނޑައެޅުމާއި އެކަމުގައި ސަރުކާރުގެ ވިސްނުން ހުރި ގޮތް ޝައުނާއަށްް އެނގިވަޑައިގަންނަވާނެ ކަމަށް އެ ސިޓީގައި ވެއެވެ. އެ ސިޓީގައި ވަނީ މަގާމުގެ ހައިސިއްޔަތުން ޝައުނާއަށް އެނގިވަޑައިގަންނަވަ މިފަދަ ސިއްރު މައުލޫމާތުތައް އޭނާ، އޭނާގެ ފިރިކަލުންނާއި ހިއްސާ ކުރައްވާނެ ކަމަށް ތުހުމަތުކޮށްފައެވެ.

އެޓޯލްސް ކޮމިއުނިކޭޝަނުން ޓީއެމްއޭއަށް ލަފާ ދެމުންދާއިރު، އެ ދެ ކުންފުނީގެ ދެމެދުގައި ވެސް އެއްބަސްވުންތައް ބަދަލުވެފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. އެގޮތުން، ޓީއެމްއޭ ބޭނުންވާ ގޮތަށް ސީޕްލޭން ޓާމިނަލް ކުޑައަގެއްގައި ޓީއެމްއޭއަށް ލިބިއްޖެނަމަ، އެޓޯލް ކޮމިއުނިކޭޝަނަށް 18 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި އެމްއޭސީއެލާއި ޓީއެމްއާ ދެމެދު ސީޕްލޭން ޓާމިނަލްގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއޭގެ މީޑިއާގެ އެކި ކަންކަމާ ގުޅޭގޮތުން ލަފާ ހޯދާ ކުންފުނީގެ ގޮތުގައި އެޓޯލްސް ކޮމިއުނިކޭޝަން ހަމަޖެއްސުމަށް ވެސް ދެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.

އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ، ރައީސް އޮފީހުގެ ޕޮލިސީ ސްކްރެޓަރީގެ މަގާމުގައި ހުރެ ޝައުނާ ގާނޫނު އަސާސީގެ 119 ވަނަ މާއްދާ އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރާ ގާނޫނުގެ 13 އަދި 14 ވަނަ މައްދާއާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލާ ދިނުމަށް އެދިއެވެ.

އެޓޯލް ކޮމިއުނިކޭޝަން ކުންފުންޏަކީ ޝައުނާގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިއުން އަމާޒުވެފައިވާއިރު، އޭނާއަށް ކުރެވޭ ތުހުމަތުތައް ޝައުނާ ވަނީ ދޮގުކުރައްވާފައެވެ.

އެމްއޭސީއެލްއިން ޓީއެމްއޭއަށް ފައިދާވާ ގޮތަށް އާ ސީޕްލޭން ޓާމިނަލުން ޖާގަ ދޭން އުޅޭ މައްސަލާގައި އޭސީސީން އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގަން އުޅޭ ކަމަށް ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ޔައުގޫބް އަބްދުﷲއަށް ވެސް ކޮރަޕްޝަންގެ ތުހުމަތުކޮށް މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. މި ދެ މައްސަލަވެސް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.