ހުޅުމާލޭގެ ރެޑްބުލް ޕާކް ތެރޭގައި ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރި "ބީޗް ވޮލީ ޓްރެއިނިން ކޯޓް" ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހާއި މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ހިމެނިވަޑައިގަންނަވާ ޓީމާއި ގައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަހުމަދު އަދި އަހުމަދު އުލީ ހިމެނޭ ޓީމާއެކު ވޮލީމެޗެއް ވެސް ކުޅުއްވާފައިވެއެވެ.

މިއަދު އެ ކޯޓުގައި ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗު މެޗު ކުޅުނީ، ޔޫތު މިނިސްޓްރީގެ ޓީމަކާއި ގައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަހުމަދު އަދި އަހުމަދު އަލީ ހިމެނޭ ޓީމާއެކުއެވެ. ފަސްޕޮއިންޓަށް ކުޅުނު އެ މެޗް 5- 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގައުމީ ބީޗް ވޮލީ ޓީމުގެ ދެކުޅުންތެރިން ހިމެނޭ ޓީމުންނެވެ.

އެއަށްފަހު ދެން ކުރިއަށް ދިޔައީ ދެ ރައީސުންނާއި މިނިސްޓާ މަހުލޫފު ބައިވެރިވެ ވަޑައިގަންނަވި، ޔޫތް މިނިސްޓްރީގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ބައްދަލުކުރި މެޗެކެވެ. އެ މެޗް 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ ދެ ރައީސުންގެ ވޮލީ ޓީމުންނެވެ.

ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް މިއަދު ހުޅުވި ބީޗް ވޮލީ ކޯޓަކީ، މީގެ ކުރިންވެސް މުބާރާތްތައް ބޭއްވުމަށް ބޭނުންކުރި ކޯޓެކެވެ.