އަދާ ޖެހުނު އިރުވެސް ހައްލެއް ހޯދިފައިނުވާ ކޮވިޑް-19އާއިއެކު ޗައިނާގެ އެތައް ބައެއްގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފައެވެ. މިފަދަ އެކަކީ ޝީޖިއާންގް ޕްރޮވިންސްގައި ކުރިއަރަމުން އަންނަ މެރަތަން ދުވުންތެރިޔާ ޕާން ޝަންކޫއެވެ.

ކޮވިޑް-19ގެ ސަބަބުން ޕާންއަށްވެސް މަޖުބޫރުވެފައިވަނީ އޭނާ ދިރިއުޅެމުންދާ ކުޑަކުޑަ އެޕާޓްމަންޓް ތެރޭގައި ކަރަންޓީނުވެގެން ހުރުމަށެވެ. ނަމަވެސް، އެއީ ކުރިއަށް ހުރިމުބާރާތްތަކުގައި ވާދަކުރުމަށް އޮތް ހުރަހަކަށްވުމަށް ޕާން ފަހަރެއްގައިވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާގެ ބުންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި ޕާންގެ ރޫޓީން ހަމަޖައްސަނީ އެޕާޓްމަންޓް ތެރޭގައެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ޕާންވަނީ އެޕާޓްމަންޓް ތެރޭގައި ކަރަންޓީނުވެގެން ހުންނަންޖެހުނުއިރު، 31 މޭލަށް ދުވެފައިވާކަމަށް ބުނެފައެވެ. އެއީވެސް މާބޮޑު އެޕާޓްމަންޓެއް ނޫނެވެ. އެކަން ކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ބޭރަށް ނުނިކުމެ ހުންނަން ޖެހުމުން ފޫހިވުން ކަމަށްވެސް ޕާން ވަނީ ބުނެފައެވެ. އެޕާޓްމަންޓް ތެރޭ 31 މޭލު ހަމަކޮށްފައިވަނީ 4 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކޮށްގެންނެވެ.