ޗައިނާގެ ވެރިކަން ކުރާ ބެއިޖީންގްއަށް އަންނަ ހުރިހާ ފަރާތްތަކަކުންވެސް 14 ދުވަހު ކަރަންޓީނުގައި މަޑުކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިއީ ޗައިނާގެ ހޫބޭ ޕްރޮވިންސްގައި އުފެދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

އަމިއްލަ ގޭގައި ކަރަންޓީނުވެގެން ތިބުމުގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީޓަކުގައި ކަރަންޓީނުވުމުގެ ފުރުސަތު، ބެއިޖީންގްއަށް އަންނަ ފަރާތްތަކަށް އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެކި ކަންކޮޅުތަކުން ބެއިޖީންގްއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން 14 ދުވަހު ކަރަންޓީނުގައި މަޑުނުކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ޗައިނާއިންވަނީ ނިންމާފައެވެ.

ގާތްގަނޑަކަށް 20 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ބެއިޖީންގްއިން މިފަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައި މިވަނީ، ކޮވިޑް-19ގެ ސަބަބުން ޗައިނާ އާ އަހަރުގެ ޗުއްޓީއަށް އިތުރު ކުރި މުއްދަތު ހަމަވެ، ގިނަ ބަޔަކު އެނބުރި ބެއިޖީންގްއަށް އަންނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ބެއިޖީންގްއިން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ޗައިނާއިން އެހެން ގައުމުތަކަށް ދަތުރުކުރާ ފަރާތްތައް ސްކްރީން ކުރުމަށް ގައުމުތަކުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ބައެއް ގައުމުތަކުންވަނީ ޗައިނާއިން އަންނަ ފަރާތްތަކަށް އޮން-އަރައިވަލް ވިސާ ދޫކުރުންވެސް މަޑުޖައްސާލާފައެވެ.