ރައީސް އަބްދުﷲ ޔާމީން ހުންނެވީ ތިޔަބޭފުޅުންނާއެކު (ޕީޕީއެމް މެންބަރުންނާއެކު) ކުރިއަށް ވަޑައިގަންނަވަން، ހަމަ ގަދަކޮށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިރޭ ހުޅުމާލޭގައި، އެ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ، ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއުގެ ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ހުސްވި ހަފްތާގައި ރައީސް ޔާމީނާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި ޔާމީން ހުންނެވީ ގަދަ އަޒުމުގައި ނުހަނު ގަދަކޮށް ކަމަށެވެ. އަދި ހުންނެވީ ޕީޕީއެމްގެ މެންބަރުންނާއެކު ކުރިއަށް ވަޑައިގެންނެވުމަށް ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔާމީނު ހުރީ 5 އަހަރަށް ޖަލަށް ލައިފައެވެ. ރައީސް ޔާމީން 5 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިރު، ޖަލު ހުކުމުގެ އިތުރަށް 5 މިލިއަން ޑޮލަރު ދައުލަތަށް ދައްކަންވެސް ވަނީ ހުކުމް ކޮށްފައެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީނު ޖަލުގައި ހުންނެވި އިރު، އެ ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދިނުމަށާއި، ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އެދުނު މައްސަލައިގައި އެކޯޓުން ނިންމާފައި ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށާއި އަދި ހުކުމް ތަންފީޒު ކުރުންވެސް ފަސްކުރެވެން ނެތް ކަމަށެވެ.