މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ) އާ ވެސް އެމަނިކުފަނާ ގުޅުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމަނިކުފާނު ލިޔުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ ވެލާނާ އެއާޕޯޓުގެ ވާހަކަ އެމަނިކުފާނު ދައްކަވާ މޭރުމުން ދައްކަވަނީ އެއާޕޯޓުގެ މައްސަލަ އަވަހަށް ނުނިމިއްޖެނަމަ ރާއްޖޭގެ އިގްތިސޯދަށް ނުހަނު ގެއްލުންވާނެ ކަމަށް ދެކެ ވަޑައިގަންނަވާތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމްއޭސީއެލް އަދި ޓީއެމްއޭ އަކާ ވެސް އެމަނިކުފާނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، އެމަނިކުފާނާއި ގުޅުން އޮންނަނީ ދިވެހިންނާއި ދިވެހި ރާއްޖެއާ ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، ނަޝީދު ގެންދަވަނީ އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލާ ބެހޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއޭސީއެލާއި ޓީއެމްއޭގެ މުއާމަލާތްތައް ހިނގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ.

ސީޕްލޭން ޓާމިނަލް މައްސަލައަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވާލުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހުން ގާތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ސަރުކާރާއި، ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި ގޯސްހެދި މީހުން ހޯދާ، އަވަސް ތަހުގީގެއް ފެށުން މުހިންމު ކަމަށެވެ.

ސީޕްލޭން ޓާމިނަލާ ގުޅިގެން ނަޝީދުގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފައި ވާކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. އޭސީސީއަށް ހުށަހަޅާފައި ވަނީ، ރައީސް ނަޝީދު މަޖިލިސް މެދުވެރިކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް މަސައްކަތް ކުރައްވާ މައްސަލައެެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އާންމު ފަރާތަކުންނެވެ.

އާންމު ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން ރައީސް ނަޝީދު، ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭން މަސައްކަތް ކުރައްވަނީ ޓީއެމްއޭގެ ވަކީލާ އަދި ނަޝީދުގެ ކުރީގެ ބައިނަލްއަގްވާމީ ވަކީލާ ޖެރާޑް ގެންސާއާ ދެމެދު ކުރެވުނު މުއާމަލާތްތަކަށް ފަހު ކަމަށެވެ. އަދި މި މުއާމަލާތްތަކަށް ފަހު، ޓީއެމްއޭގެ ބޯޑު މެންބަރުންނާއެކު މަޖިލީހުގެ އާ އިމާރާތުގައި ސިއްރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.