ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ރީތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ކާރެއްގައި އެ މަގުން ދެކުނުން އުތުރަށް ދުއްވާފައިދިޔަ ކާރެއް ޖެހި އެކްސިޑެންޓް ވެގެން ރޭ ފަތިހު 4:10 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގި ވަގުތު އެއް ކާރުގައި ދެ މީހުން ތިބި ކަމަށާއި، އަނެއް ކަރުގައި އިނީ ޑްރައިވަރު އެކަނި ކަމަށެވެ. މި އެކްސިޑެންޓުގައި ދެ ކާރުގައި ތިބި މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި ދެ ކާރަށް ވެސް ބޮޑެތޮ ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި އެއް ކާރު ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އަނެއް ކާރު ދުއްވަން އިނީ 24 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި އޭނާގެ އަތުގައި ލައިސަންސެއް ނެތް ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.