އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތަށް އެއްވެސް ބަޔަކު ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާ ކަމަށް އެ ކޮމިޝަނުގެ ރައީސް، މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިފަދައިން ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ މައްސަލަތައް އޭސީސީން ތަހުގީގު ކުރަމުން ގެންދާތީ، އެ ކޮމިޝަނުގެ މެންބަރުންނަށް ބަޔަކު ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
ޝިއުނާ ވިދާޅުވީ، އޭސީސީގެ އެއްވެސް މެންބަރަކަށް، މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ލިބިފައި ނުވާ ކަމަށާއި، އެއްވެސް ފަރާތަކުން އޭސީސީގެ މަސައްކަތަށް ނުފޫޒު ފޯރުވަން ވެސް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި، ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ އެ މީޑިއާއިން ރިޕޯޓް ކުރީ ދޮގު ހަބަރެއް ކަމަށާއި، އެފަދަ ކަމެއް ހިނގާ ނަމަ ހާމަކުރައްވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
އޭސީސީގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާއަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޓީއެމްއޭއަށް ޓާމިނަލް ދިނުމާ ގުޅޭގޮތުން އެމްއޭސީއެލާއި ޓީއެމްއޭއާއި ދެމެދު ހިނގަމުން ދިޔަ މުއާމަލާތްތަށް އޭސީސީން ބަލަން ފެށުމާ އެކި މެންބަރުންނަށް އެކި ދިމަދިމާލުން ފިއްތުންތައް ކުރިމަތިވި ކަމަށެވެ. އެގޮތުން އެ މައްސަލަ ނުބެލުމަށާއި ބަލާނަމަ މަގާމުން ވަކިކޮށްފާނެ ކަމުގެ އިންޒާރުވެސް ލިބުނު ކަމަށް އެ އޮފިޝަލާ ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
ވަޒީފާގެ ބިރު ސަރުކާރުގެ އިސް ފަރާތަކުން ދެމުންދާ ކަމަށް ރިޕޯޓްކޮށްފައި ވާއިރު، އެއީ ކޮން ފަރާތެއް ކަމެއް ނުވަތަ ކޮން މަގާމެއްގައި ހުރި މީހަކު ކަމެއް އެ މީޑިއާއިން ރިޕޯޓްކޮށްފައެއް ނުވެއެވެ.
އޭސީސީން ދަނީ، ސީޕްލޭން ޓާމިނަލްގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ޔައުގޫބް އަބްދުﷲގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އާންމު ފަރާތަކުން ވަނީ އޭސީސީ މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް މި ދެ މައްސަލަ ބެލުމަށް އޭސީސީން ނިންމާފައިވާ ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.