ކ.މާފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މާފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:12 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވެ، އަނދާފައި ވަނީ މާފުށީ ކުޑަކުދިންގެ މަރުކަޒުގައި ޓިނުން ހަދާފައިވާ ގުދަނެއްގައެވެ.

މިހާރު މި އަލިފާންގަނޑު ނިންވާލާފައިވާއިރު، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އޮފިސަރުންގެ އިތުރުން މާފުށީ ރައްޔިތުންނާއި، އެރަށުގައި ތިބި ފުލުހުން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުން ވަނީ ހަރަކާތްތެރިވެފައެވެ.

މާފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާއިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ ހޯމް ދުވަހު އައްޑޫ މީދޫ ޗަސް ބިމުގެ ހުއިތަކުގައި ރޯވެގެން ވެސް އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ. އެ ހާދިސާގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެދުވަހު 2:00 ހާއިރު ލިބިފައިވާއިރު، އެމްއެންޑީއެފުން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ އެދުވަހު އިރުއޮއްސި 6:15 ހާއިރެވެ.