އުމުރުން ދެއަހަރު ނުވާ ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ތުހުމަތުމަތު ކުރެވޭ، އެ ކުއްޖާގެ ކާފަ އާއި މުނި ކާފައަށް ދައުވާ ކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ގއ. ކަނޑުހުޅުދޫ، ރިހިވެލި، 62 އަހަރުގެ އިބްރާހީމް ދީދީ އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، 82 އަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް، ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ދެމީހުންގެ މައްޗަށް ކުރަނީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
2 އަހަރު ކުއްޖާގެ މައްސަަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕަގެ މައްޗަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި ހިމެނޭ މުނި ކާފައަކީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ. 2018 ވަނަ އަހަރު އޭނާގެ މައްސަލައެއްގައި ވަނީ ދައުވާ އުފުލާފައެވެ. އަދި މި މައްސަލަ ކޯޓާ ހަމައަށް ގޮސް ވަނީ މަޑުޖެހިފައެވެ.
މި މައްސަލައިގައި ތަހުމަތު ކުރެވޭ ދެވަނަ ފަރާތްކަމަށްވާ ކުއްޖާގެ ކާފަ އަކީ އެ ރަށު މިސްކިތު މުދިމެވެ. އޭނާގެ މުދިންކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ކުއްޖާގެ މާމައަކީ މާލެ ފިޔަވަތީގައި މަސައްކަތް ކުރާ މީހަކަށް ވީ އިރު އޭނާ ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ފިޔަވަތިން ކުއްޖާގެ މާމަ ސަސްޕެންޑްކުރީ ކީއްވެ ކަމެއް އަދި ޖެންޑާއިން ހާމައެއް ނުކުރެއެވެ.
މި މައްސަލައިގައި އެ ކުޑަ ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރު ކޮށްފައެވެ. ވބައްޕަ ހައްޔަރުކޮށްފައިވަނީ އިހުމާލުވުމުގެ ތުހުމަތުގައެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރި ކަމަށް އަދި މިހާތަނަށް ޕީޖީންވެސް އަދި ފުލުހުންވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް 2 އަހަރު ކުއްޖާގެ ބައްޕަ އަކީ މަސްތުވާތަކެތީގެ މައްސަލައިގެ ރިކޯޑް އޮންނަ މީހެކެވެ.