ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގެ ޓްރެފިކް ލައިޓް ކައިރިން ޓެކްސީއަކާ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:10 ހާއިރު އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ.

އެ ހާދިސާފގައި ސައިކަލު ދުއްވަން އިނީ 35 އަހަރުގެ ފިރެހެނެއް ކަމަށާއި އޭނާއަށް އެކި ވަރުގެ އަނިޔާ ލިބި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ސައިކަލަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް ޓެކްސީ ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެ ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓުގައި ސައިކަލާއި ކާރު ދުއްވަން ދެ މީހުން އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން މައުލޫމާތު ދޭއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.