ލަޝްކަރީ ތޮއިބާ (އެލްއީޓީ)ގެ ބާނީ ހާފިޒު ސައީދާ ދެކޮޅަށް ޕާކިސްތާނުގެ ކޯޓަކުން އިއްވި ހުކުމްތަކުގެ މާ ބޮޑު ބޭނުމެއް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ، އިންޑިއާއިން ޕާކިސްތާނަށް ފާޑުކިއުންތައް އަމާޒުކޮށްފިއެވެ.

ހާފިޒު ސައީދާ ދެކޮޅަށް ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓުން ބަލަމުންދިޔަ 2 މައްސަލައެއްގައި 5 އަހަރާ 6 މަސްދުވަހުގެ 2 ހުކުމެއް، ވަކިވަކިން ވަނީ އޭނާގެ މައްޗަށް އިއްވާފައެވެ. އަދި 15000 ރުޕީޒްއިން އޭނާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. 2 ހުކުމާއެކު ޖުމުލަ 11 އަހަރުގެ ޖަލު ހުކުމެއް ހާފިޒު ސައީދުގެ މައްޗަށް އިއްވި ނަމަވެސް، އެއީ އެކުއެކީގައި ތަންފީޒުކުރާނެ 2 ހުކުމް ކަމުން، އޭނާ ޖަލުގައި ހޭދަކުރާނެ ޖުމުލަ މުއްދަތަކީ އެންމެ 5 އަހަރާ 6 ދުވަސް ކަމަށް މައުލުމާތު ލިބެއެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކަކާ ހަވާލާދީ އިންޑިއާ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ޓެރަރިޒަމަށް އެއްބާރުލުން ދިނުން ހުއްޓާލުމަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ޕާކިސްތާނުން އަދާކޮށްދޭން ޖެހޭ ޒިންމާއެކެވެ. ނަމަވެސް ހާފިޒު ސައީދުގެ މައްޗަށް އިއްވި ހުކުމުގެ މާ ބޮޑު ފައިދާއެއް އޮތް ކަމަށް އިންޑިއާއިން ނުދެކޭ ކަމަށްވެސް އެ މަސްދަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް ކަމަށްވާ މުމްބާއީއަށް އަމާޒުކޮށް ދިން 26/11 ޓެރަރިސްޓް ހަމަލާތަކުގެ މޭސްތިރީގެ ގޮތުގައި އިންޑިއާއިން ސިފަކުރަމުން އަންނަ ހާފިޒު ސައީދުގެ މައްޗަށް ޕާކިސްތާނުގެ އެންޓިޓެރަރިޒަމް ކޯޓުން ހުކުމްތަކެއް ކޮށްފައި މިވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ޓެރަރިޒަމްގެ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން ޕާކިސްތާނާ ގުޅިގެން ބަލަމުންދާ މައްސަލައިގެ އިތުރު މުރާޖައާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ތިން ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ.