ފަލަސްތީނުގެ އަތުން ފޭރިގަނެ، އިސްރާއީލުން ހިސޯރުކޮށް ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހީދީން އާބާދު ކުރުމަށް ހިންގާ ޣައިރު ގާނޫނީ މަސައްކަތްތަކާ ގުޅިފައިވާ ވިޔަފާރި ކުންފުނިތަކުގެ ވަނަވަރު ހާމަކޮށްފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓްގައި 112 ވިޔަފާރި ކުންފުންޏެއްގެ ނަން ވަނީ ހާމަކޮށްފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހުން ބުނީ، މި ރިޕޯޓްގައި އާންމުކޮށްފައިވާ ވިޔަފާރި ކުންފުނިތަކަކީ ޣައިރު ގާނޫނީ އާބާދުތަކުގެ މަޝްރޫއާއި ގުޅުން ބާއްވާފައި ނުވަތަ ބާއްވަމުން އަންނަ ކުންފުނިތަކެއްކަން ސާބިތުކުރެވޭ ވެރަށް ހެކި ލިބިފައި ވާ ކަމަށެވެ.

މި ރިޕޯޓްގައި ބަޔާންކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ބައިނަލްއަގުވާމީ ފެންވަރުގައި ނަން ހިނގާ ކުންފުނިތަކެއްވެސް ހިމެނެއެވެ. އެގޮތުން އެއާބީއެންބީ، ބުކިންގް ޑޮޓް ކޮމް އަދި އެކްސްޕީޑިއާ ގްރޫޕްއާއި މޮޓޮރޯލާ ސޮލިއުޝާންސް ފާހަގަކުރެވެއެވެ.

ޔަހޫދީން އާބާދު ކުރުމަށް އިސްރާއީލުން ހިންގާ ޣައިރު ގާނޫނީ ޖަރީމާތަކަށް އެއްބާރުލުންދޭ ވިޔަފާރި ކުންފުނިތަކުގެ ނަންތައް ހިމަނައިގެން އދއިން މިފަދަ ލިސްޓެއް އާންމު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނަށް ލިބުނު ނަސްރެއްގެގެ ގޮތުގައި ފަލަސްތީނުން ސިފަކުރެއެވެ. ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި، މިއީ އދއިން ލަދުގަންނަން ޖެހޭނެ ވަރުގެ ރިޕޯޓެކެވެ.

1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށްފަހު އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި އިރުމަދީ ގުދުސްގައި އިސްރާއީލުން ވަނީ ޔަހޫދީން އާބާދުވެ އުޅުމަށް 140 ސަރަހައްދެއް ކަނޑައަޅާ، ތަރައްގީކޮށްފައެވެ. މި ސަރަހައްދުތަކުގައި 600000 އެއްހާ ޔަހޫދީން މިހާރު ދަނީ ވަޒަންވެރިންގެ ގޮތުގައި ދިރިއުޅެމުންނެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުގައި މި އީ ޣައިރު ގާނޫނީ އާބާދުތަކެކެވެ. ނަމަވެސް އިސްރާއީލުން ދަނީ ތަކުރާރުކޮށް، ކެނޑިނޭޅި މިކަމަށް ގޮންޖަހަމުންނެވެ.

އިސްރާއީލާ ފަލަސްތީނުގެ ސުލްހަ އޮތީ ވަކިވެފައިވާ މިނިވަން 2 ދައުލަތް އުފެދިގެން ކަމަށް މުޅި ދުނިޔެ އިއްތިފާގުވާއިރު، ޣައިރު ގާނޫނީ އާބާދުތައް ދެމި އޮތުމަކީ މި ހުވަފެން ހަގީގަތަކަށް ހެދުމަށް އެޅިފައިވާ ހުރަހެއް ކަމަށް ފަލަސްތީނުން ދަނީ ބުނަމުންނެވެ.

މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ކަމަށް ބުނެ އިސްރާއީލަށް މަންފާ ލިބޭ ގޮތަށް އެމެރިކާއިން އެކުލަވާލި އެއްބަސްވުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަނީ/ފޮޓޯ: ރޮއިޓާޒް

112 ކުންފުންޏެއްގެ ނަން ހިމަނައިގެން އދއިން އެކުލަވާލާފައިވާ ލިސްޓުގައި ހިމެނޭ ކުންފުނިތަކަކީ އިސްރާއީލުން ހިންގާ ޣައިރު ގާނޫނީ އާބާދުކުރުމުގެ މަޝްރޫއުތަކަށް އެކި ގޮތް ގޮތުން އެއްބާރުލުން ދޭ ކުންފުނިތަކެއްކަން މިހާރު ވަނީ ހާމަވެފައެވެ. މި ކުންފުނިތަކުން އިސްރާއީލަށް އެއްބާރުލުން ދެމުންދިޔަ ދާއިރާތަކުގެ ތެރޭގައި:

  • ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އިން ވަކި ކުރާ ފެންސް ޖެހުމަށް ބޭނުންވާ އުމްރާނީ ބިނާވެށީގެ ސަމާނު ސަޕްލައިކޮށްދިނުން
  • އިސްރާއީލުގެ އާބާދުތައް ފުޅާ ކުރުމަށް ބޭނުންވާ އާލާތްތަކާ ސާމާނު ސަޕްލައިކޮށްދިނުމާ، އެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުން
  • އިސްރާއީލުން ވެރިވެގެންފައިވާ ބިންތަކުގައި ހުރި ގެދޮރު އިމާރާތްތަކާ، ދަނޑު ބިންތަކާ އެނޫންވެސް އެފަދަ ބިނާތައް ސުންނާފަތިކޮށް ބިމާ ހަމަކުރުމަށް ބޭނުންވާ އާލާތްތައް ސަޕްލައިކޮށްދިނުން
  • ޣައިރު ގާނޫނީ އިމުގެ ތެރެއިން އިސްރާއީލުން އާބާދުކޮށްފައިވާ ސަރަހައްދުތަކަށް ބޭނުންވާ މެއިންޓަނަންސް ހިދުމަތް ފޯރުކޮށްދިނުމާ، ޔޫޓިލިޓީޒް ހިދުމަތް ފޯރުކޮށްދިނުން
  • އާބާދު ކުރުމުގެ މަޝްރޫއާއި ވަޒަންވެރިކުރުވުމުގެ މަޝްރޫއު ހިންގުމަށާ، ވިޔަފާރިތައް ފުޅާކުރުމަށް އިސްރާއީލުގެ ޔަހޫދީންނަށް ބޭނުންވާ މާލީ އަދި ބޭންކިންގް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ "އެހީ"ތައް ހިމެނެއެވެ.

އިސްރާއީލަށް އެއްބާރުލުން ދޭ ކުންފުނިތަކުގެ ތެރޭގައި އިސްރާއީލުގެ 94 ކުންފުންޏެއް ހިމެނޭއިރު، އެމެރިކާ، ފަރަންސޭސިވިލާތް، ނެދަލަންޑްސް، ލަގްޒަމްބާގް، ތައިލޭންޑް އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ 18 ކުންފުންޏެއްގެ ނަން، އދގެ ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.